ޚަބަރު

ފޯޅަވަހި ހޯދަން މަސައްކަތް ނުކުރާކަމަށް ސަފީރު ވިދާޅެއްނުވޭ، ފަތުރަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް: ޚާރިޖީ ވަޒީރު


  • ބައެއް މީޑިއާތަކުން ދަނީ ސަފީރު އެގޮތަށް ވިދާޅުވި ކަމަށް ބުނެ ރިޕޯޓް ކުރަމުން

ފޯޅަވަހި ނުވަތަ ޗާގޯސް ހޯދުމަށް ދިވެހިރާއްޖެއިން މަސައްކަތްނުކުރާ ކަމަށް ސަފީރު ގީލާ އަލީ ވިދާޅުވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ، ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ޔޫރަޕިއަން ޕާލަމެންޓުންގައި ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ވިދާޅުވިކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުންދާތީއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓުގައި ސަފީރު ޤީލާ އަލީއާއި ސުވާލުކުރެވުނީ ޗާގޯސް ނުވަތަ ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރުމާއި ގުޅޭގޮތުންކަމަށެވެ. އަދި އެކަމަނާގެ ޖަވާބުގައި ރާއްޖެއިން ފޯޅަވަހި ހޯދަން މަސައްކަތް ނުކުރާކަމަށް ނުވަތަ އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށްވެސް ވިދާޅުވެފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، އެމެރިކާގެ އަސްކަރީ މަރުކަޒެއް އެ ތަނުގައި ހުރުމާއި މެދު ސުވާލުކުރެއްވުމުން ސަފީރު ދެއްވި ޖަވާބުގައި، ވިދާޅުވެފައިވަނީ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް މާކުރިއްސުރެ ޤާއިމުވެފައި ހުންނަކަމަށެއެވެ. އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ޙައްޤުތައް ދޫކޮށްލާފައިވަނީ 2022ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި ކަމަށް ޚާރިޖީ ވަޒީރުގެ ޕޯސްޓްގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ އޭރުގެ ސަރުކާރުން އެކަން ކޮށްފައިވަނީ ސިއްރު ސިޓީ އަކުންކަމަށް ވިދާޅުވިއެވެ. އެކަން ދިވެހި ރައްޔިތުންނަށް އޮޅުވައިނުލެވޭނެ ކަންވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.