ޚަބަރު

ދިރާސާތައް ހިންގާ، ގޮވާމުގެ ތަފާތު ބާވަތްތައް ރާއްޖޭގައި ހެއްދުމަށް މަޝްވަރާކޮށްފި


  • މަޝްވަރާކޮށްފައިވަނީ ޖަޕާނުގެ ޓީމަކާއެކު

  • ކާބޯތަކެތީގެ ރައްކާތެރިކަމާ ޔަޤީންކަން ކަށަވަރުކުރުމަށް މަޝްވަރާކޮށްފައިވޭ

ސިއްޙަތަށް ފައިދާހުރި ގޮވާމުގެ ބާވަތްތައް ރާއްޖޭގައި ހެއްދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ޖަޕާން އިންޓަނޭޝަނަލް ރިސަރޗް ސެންޓަރ ފޯ އެގްރިކަލްޗަރަލް ސައިންސަސް، ޖިރްކާސްއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިހާރު ޖިރްކާސްގެ ޓީމަކުން ރާއްޖެއަށް ކުރަމުންދާ ދަތުރުގެތެރެއިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ހެއްދިދާނެ ތަރުކާރީގެ ބާވަތްތައް އިތުރުކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި މިދާއިރާއިން ކުރިއަށް ގެންދެވިދާނެ ދިރާސާތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މީގެއިތުރުން މި މަޝްވަރާތަކުގައި ސިއްޙަތަށް ފައިދާހުރި ގޮވާމުގެ ބާވަތްތަކާއި ތަރުކާރީގެ ބާވަތްތައް ރާއްޖޭގައި ހެއްދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގައި ޓޮމާޓޯއާއި ،އަމަރަންތާއި، ސޮޔާބިން ފަދަ ބާވަތްތައް ރާއްޖޭގައި ހެއްދުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ރާއްޖޭގައި ހައްދާ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން، ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށާއި، ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި، ސަރުކާރުން ވަނީ ޤައުމީ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން، މި މަޝްރޫޢުގެ ދަށުން، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ފެންވަރު ވަޒަންކުރުމާއި، ބޭނުންކުރެވޭ ކެމިކަލްތަކުގެ މިންގަނޑުތައް ދެނެގަތުމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދެވޭނެއެވެ. މިކަމުގެ ސަބަބުން، ދިވެހިރާއްޖޭގައި އުފައްދާ ތަރުކާރީއާއި މޭވާގެ ރައްކާތެރިކަން އިތުރުވެ، ޞިއްޙަތަށް ފައިދާހުރި ކާބޯތަކެތި އުފެއްދުމަށް މަގުފަހިވެގެންދާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ޤަބޫލުކުރައްވައެވެ.