ޚަބަރު

ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީގެ މަސައްކަތް ނިންމާ އަންނަ އަހަރު ޚިދުމަތް ފެށުމަށް މަސައްކަތްކުރަނީ


  • ލެބޯޓްރީ އެޅުމުގެ މަސައްކަތް ވަނީ ފަށާފައި

  • އަންނަ އަހަރަށް ނިންމުމަށް ދަނީ މަސައްކަތްކުރަމުން

  • ދަނޑުވެރިން އުފައްދާ ތަކެތި މާކެޓުކުރުމަށް މަސައްކަތްކުރޭ

ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާއިމްކުރާ ޤައުމީ ލެބޯޓަރީގެ ޢަމަލީ މަސައްކަތް އަންނަ އަހަރުތެރޭ ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރުގެ ނައިބު އިސްމާޢީލް މުޙައްމަދު ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތްކުރައްވަނީ ފުވައްމުލަކުގައި ޤާއިމްކުރާ ޤައުމީ ލެބޯޓަރީގެ ޢަމަލީ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށްކަމަށެވެ. އެގޮތުން މިހާރު މަސައްކަތް ކުރިއަށްދާގޮތަށްބަލައި، އަންނައަހަރުތެރޭ އެ މަސައްކަތް ނިންމުމަށް މަސައްކަތްކުރައްވާކަމަށް އިސްމާޢީލް މުޙައްމަދު ވިދާޅުވިއެވެ.

"ލެބޯޓަރީގަ މިހާރު އިމާރާތުގެ މަސައްކަތް ވަނީ ޙަވާލުކުރެވި ވަނީ މަސައްކަތް ފެށިފައި. ދެން އަޅުގަނޑުމެން ބޭނުންވާ ބައެއް އިކުއިޕްމަންޓްސް ވެސް ހޯދާފަ މިހާރު ފުވައްމުލަކަށް ފޮނުވާފައި އޮންނާނީ. މިހާރު އޮތީ މަސައްކަތް ފެށިފައި. އަޅުގަނޑުމެން މަސައްކަތް ކުރަނީ މިއަންނަ އަހަރުގެ ކޮންމެވެސް ދުވަހެއްގަ ތެރޭގަ ލެބޯޓަރީގެ މަސައްކަތް އެއްކޮށް ނިންމާ، ޚިދުމަތް ފެށުމަށް." އިސްމާޢީލް މުޙައްމަދު ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ، ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާއިމްކުރާ ޤައުމީ ލެބޯޓަރީގެ މަސައްކަތާއެކު ހިއުމަން ޑިވެލޮޕްމަންޓް މަސައްކަތްތަކެއްވެސް ކުރަން ޖެހޭކަން ޤަބޫލުކުރައްވާކަމަށެވެ.

"އެހެންވީމަ އެކަމާ ގުޅުންހުރި ދާއިރާތަކުން ކޯސްތައް ހުޅުވާލުމާއި، ސްކޯލަރޝިޕްސްތައް ދިނުމާއި، ކުދިން ކިޔަވައިގެން ނޫނިއްޔާ އަދި އިތުރަށް ބޭރުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ބޭނުންވަންޔާ އެބޭފުޅުންނަށް އިތުރަށް ކޯޕަރޭޓް ކުރުމާއި، މިކަހަލަ ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިގެންދޭ މިވަގުތު". އިސްމާޢީލް މުޙައްމަދު ވިދާޅުވިއެވެ.

ދަނޑުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެފަރާތްތަކުން އުފައްތާ ތަކެއްޗަށް މާކެޓު ނުލިބުމެވެ. އަދި ރައްކާތެރިގޮތުގައި ތަކެތި ބެހެއްޓޭނެ ނިޒާމެއް ނެތުމެވެ. އެހެންކަމުން ސަރުކާރުން އަންނަނީ ދަނޑުވެރިންގެ އެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމަށް މަސައްކަތްކުރައްވަމުންނެވެ. ދަނޑުވެރިކަމަކީވެސް އާމްދަނީ ހޯދޭނެ މަސައްކަތަކަށްވާއިރު ދަނޑުވެރިކަމަށް މުޅި ދިރިއުޅުން ބަރޯސާވެފައިވާ ޢާއިލާތައްވެސް އުޅެއެވެ.

ޤައުމީ ލެބޯޓަރީގެ މަޝްރޫޢުގެ ދަށުން، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ފެންވަރު ވަޒަންކުރުމާއި، ބޭނުންކުރެވޭ ކެމިކަލްތަކުގެ މިންގަނޑުތައް ދެނެގަތުމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދެވޭނެއެވެ. މިކަމުގެ ސަބަބުން، ދިވެހިރާއްޖޭގައި އުފައްދާ ތަރުކާރީއާއި މޭވާގެ ރައްކާތެރިކަން އިތުރުވެ، ޞިއްޙަތަށް ފައިދާހުރި ކާބޯތަކެތި އުފެއްދުމަށް މަގުފަހިވެގެންދާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގައި ޤާއިމްކުރާ ޤައުމީ ލެބޯޓަރީ ވެގެންދާނީ ދަނޑުވެރިކަމުން އުފައްދާ ތަކެތި ރައްކާތެރި ގޮތުގައި ބޭނުންކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.