މި އަހަރުގެ ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރެވުނީ ޓީމުގެ ރޫހު ރަނގަޅުވުމުން ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ކާވާ ކުލަބު ޗެމްޕިއަންޝިޕުގެ ފައިނަލްގައި ކުޅުން ކަމަށް ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު ޢަބްދުﷲ ޖުނައިދު ބުނެފިއެވެ.
ސިފައިންގެ ޓީމުން ވަނީ މިއަހަރު ވޮލީ ސީޒަންގެ ތިން މުބާރާތް ކަމަށްވާ ވީއޭއެމް ކަޕް، ގައުމީ ލީގުގެ އަތުރުން ގައުމީ މުބާރާތް ވެސް ކާމިޔާބުކޮއްފައެވެ. މީގެ ކުރިން 2010 ވަނަ އަހަރު ވެސް ސިފައިން ވަނީ މި ކާމިޔާބީ ހޯދާފައެވެ.
މީގެ އިތުރުން މި ސީޒަންގެ ގައުމީ މުބާރާތް ކާމިޔާބު ކުރުމާއެކު ސިފައިންގެ ޓީމުން ވަނީ ގައުމީ މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް މިލްކުކޮއްފައެވެ.
ގައުމީ މުބާރާތް ކާމިޔާބު ކުރުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަދައްކަމުން ސިފައިންގެ ޓީމުގެ ކޯޗު ޖުނައިދު ބުނީ ޓީމުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް ސިފައިން އަބަދުވެސް ކުޅެމުން އަންނަނީ ސިފައިންގެ ރޫހުގައި ކަމަށެވެ.
ޖުނައިދު ބުނީ ޖެހިޖެހިގެން ތިން މުބާރާތް ކާމިޔާބު ކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި ގައުމީ ތަށި މިލްކުކެރެވުމަކީ ލިބިގެންދިޔަ ހާއްސަ އުފަލެއް ކަމަށެވެ.
ގައުމީ މުބާރާތަށް ކުރިމަތިލީ އިރު ސިފައިންގެ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށް ވަނީ އަނިޔާވެފައެވެ. ޕާކިސްތާންގެ ހަމަދު އަނިޔާވުމުގެ ސަބަބުން ކުރިން ޕޮލިސް ޓީމުން ފެނުނު އިންޑިޔާގެ ޗިރާގް ވަނީ ސިފައިންގެ ޓީމުން ގައުމީ މުބާރާތުގައި ހިމަނާފައެވެ.
ޖުނެއިދު ބުނީ އެބަދަލު ގެނައީ މިވަގުތު ރާއްޖޭގައި ހުރި ދިވެހި ވޮލީއަށް ފަރިތަ ކުޅުންތެރިއަކު ގެނައުމުގެ ބޭނުމުގަކަމަށެވެ. މިބަދަލު ވެގެންދިޔައީ ފައިދާހުރި ބަދަލަކަށް ކަމަށާއި ފައިނަލުގައިވެސް ސިފައިންގެ ޓީމުގެ ތަފާތަކަށް ފެނިގެން ދިޔައީ ޓީމުގެ ކުޅުންތެރިންގެ ހިއްވަރާއި ރޫހު ކަމަށެވެ.
" އަޅުގަނޑުމެންގެ ޓީމުގެ ތަފާތަކީ ޓީމު ރޫޅިގެން ނުދިއުން، އަޅުގަނޑުމެން ތިން ހަތަރު ޕޮއިންޓް ދަށުގަ އޮތަސް، އެއީ ކަންނޭގެ ޓީމުތެރޭގައި އިންނަ ސްޕްރިޓް" ޖުނައިދު ބުންޏެވެ.
ޖުނައިދު ބުނީ އެޗްޑީސީ އަކީ އަދިވެސް އެންމެ މޮޅު ޓީމުކަމަށާއި، ފައިނަލަށް ނުކުތީވެސް އެއީ މޮޅު ޓީމެއްކަމަށް ދެކިގެން ކަމަށެވެ.
ކާވާ ކްލަބް ޗެމްޕިއަންޝިޕަށް ބިދޭސީ އާ ތިން ކުޅުންތެރިން ގުޅޭނެ ކަމަށާއި އެ ކުޅުންތެރިންނާ އެކު ސިފައިންގެ ޓީމު ނުކުންނާނީ މުބާރާތުގެ އެއްކޮޅުން ފައިނަލު ކުޅުމުގެ އަމާޒުގަކަމަށް ޖުނައިދު ބުންޏެވެ.
ފައިނަލު މެޗަށް ފަހު ސިފައިންގެ ޓީމުގެ އާދަމް ނަސީމް ބުނީ މި ސީޒަންގައި ލިބިގެންދިޔަ ކާމިޔާބީއަކީ ލިބުނު ފަހުރެއް ކަމަށެވެ. މިއީ ދުރާލާ ސިފައިންގެ ޓީމުން ތައްޔާރުވުމުގެ ނަތިޖާ ކަމަށާއި މި ތިން މުބާރާތަށް ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށް އެޑަމް ބުންޏެވެ.