ޚަބަރު

އައިއެސްއޭ ޗެލްސީއަށް، ޔޫރަޕްގެ ތަޖްރިބާ ހިއްސާކުރަން ރާއްޖެ އަންނާނަން: އައިއެސްއޭ


އިންޓަނޭޝަނަލް ސޮކަރ އެކަޑަމީން ރާއްޖެއަށް ކުރި ދަތުރުގެ ތަޖުރިބާއަށްފަހު ދެން ކުޅުންތެރިން ގޮވައިގެންދާނީ ޗެލްސީ ފުޓްބޯޅަ ކުލަބާއެކު މެޗުތަކެއް ކުޅުމަށް ކަމަށް އިންޓަނޭޝަނަލް ސޮކަރ އެކަޑަމީގެ ޑިރެކްޓަރ ކީތް އެލައިޖަރ ބުނެފިއެވެ.

އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ސޮކަރ އެކަޑަމީ (އައިއެސްއޭ) ޔޫތް ފުޓްބޯޅަ ޓުއަރގެ ތަޖްރިބާ ޕީއެސްއެމް ނިއުސްއާއި ހިއްސާކުރަމުން އެލައިޖާ ބުނީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް އައުމަށް ވިސްނަމުންދާ ކަމަށެވެ.

ދެން އެންމެ އަވަހަށް އެ އެކަޑަމީން ދާނީ ޗެލްސީ ފުޓްބޯޅަ ކުލަބާއެކު ތަޖްރިބާހޯދުމަށްކަމަށާއި، އެގޮތުން ސެޕްޓެމްބަރުގައި އައިއެސްއޭގެ ސީނިއާ ކުޅުންތެރިން ގޮވައިގެން ލަންޑަނަށްދާން ނިންމާފައިވާ ކަމަށް އެލައިޖާ ބުންޏެވެ.

އެލައިޖާ ބުނީ ޔޫރަޕުން ދަސްކުރާ ހުނަރުތަކާއެކު އެނބުރި ރާއްޖެ އަންނާނެ ކަމަށާއި، އަންނަ އަހަރު ރާއްޖޭގެ ކުޅުންތެރިންނަށް ޔޫރަޕުގެ ފުޓްބޯޅައިގެ އުކުޅުތައް ދަސްކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އުންމީދަކީ ޖަރުމަނާއި އިނގިރޭސިވިލާތަށް ރާއްޖޭގެ ކުޅުންތެރިން ގެންގޮސް ތަޖްރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދެވޭނެ މަގުތައް ހޯދުން ކަމަށްވެސް އެލައިޖާ ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ޔޫރަޕް ފުޓްބޯޅައިގެ ތަމްރީނު ލިބޭނެ ގޮތްތައް ރާއްޖެއަށް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށާއި، ކުޅުންތެރިންގެ އިތުރުން ކޯޗުންގެ ތަމްރީނަށްވެސް މަސައްކަތްކޮށްދޭނެ ކަމަށް އެލައިޖާ ބުންޏެވެ.

ޗެލްސީ ފައުންޑޭޝަނާއި އެކު އައިއެސްއޭއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ ޖެނުއަރީގައިވެސް ސީނިއާ ކުޅުންތެރިން ވަނީ ޗެލްސީގައި ތަމްރީނު ދަތުރެއް ކޮށްފައެވެ.

އައިއެސްއޭއިން ރާއްޖެއަށް ކުރި ދަތުރަކީ ވެސްޓަރން އޮސްޓްރޭލިއާ މޯލްޑިވިއަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކުގައެވެ. އައިއެސްއޭ ޓުއަރގެ ކަންކަމުގައި ރާއްޖޭން އިސްކޮށް ހަރަކާތްތެރިވީ މޯލްޑިވްސް ސޮކަރ މޭޓްސްއިންނެވެ. މިއީ ކުޅިވަރު ވުޒާރާއާއި އެފްއޭއެމްގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔަ ދަތުރެކެވެ.