ޚަބަރު

މާފުށީ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް


  • މުޅި މަޝްރޫޢުގެ %59 މަސައްކަތް ވަނީ ނިމިފައި

  • މިހާރު ކުރިއަށްދަނީ ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތް

ކ. މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ. ކ. މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ރަށެވެ. ކޮންމެދުވަހަކު އެތައް ބަޔަކު ގޮސްއައިސްވާ މާފުށްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލަފާ ފުރުމުގެ ދަތިކަމެވެ.

ކ.މާފުއްޓަކީ، ޑިންގީއާއި، ޑައިވިން ދޯނިތަކާއި ލޯންޗްތައް އިތުރުވެ، ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑު ރަށެކެވެ. އަދި ރަށަށް ދަތުރުކުރާ މީހުން އިތުރުވުމާއި، މަސްވެރިކަމަށް ނިކުންނަ ދޯނި ގެންގުޅޭ ރަށަކަށްވުމާއެކު ބަނދަރު ބޭނުންކުރުމުގައިވެސް ދަތިތައް ދިމާވެއެވެ.

މާފުށީގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ ޒަމާންވީ ބަނދަރެކެވެ. މިއާއެކު އެރަށުގެ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށްޓަވާފައެވެ. އަދި އެ މަސައްކަތް މިހާރު ހަލުވި ދުލެވީގައި ބާރަށް ކުރިއަށްދެއެވެ.

ކ.މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނގް ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މާފުށީގައި 374 މީޓަރުގެ ބަނދަރެއް ހެދުމަށެވެ.

މީގެތެރޭގައި މިހާރުގެ ބަނދަރާއި ބަނަދަރަށް އަލަށް އިތުރުކުރާ ބައި ހިމެނެއެވެ. މި މަސައްކަތް މިހާރު ބާރަށް ކުރިއަށްދެއެވެ.

މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނގް ކޮމްޕެނީ އެމްޓީސީސީން ވިދާޅުވީ، މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %59 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތްކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

މާފުށީ ބަނަދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 63،711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ އިތުރުން 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ.

އަދި 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ އިތުރުން، 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.

މީގެއިތުރުން، 160 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރީ 76.48 މިލިޔަން ރުފިޔާއަށެވެ.