މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި އެކަނިވެސް 1000އަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް މާލެއާއި ސިނަމާލެ ބްރިޖް އަދި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން މި މުއްދަތުގައި މާލޭ ސަރަޙައްދުގައި ޖުމްލަ 1101 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މިއަހަރުގެ މިހާތަނަށް ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތެރެއިން އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓްތައްކަމަށެވެ. އަދި ގިނަ ހާދިސާތައް ދުވާލުގެ ވަގުތުތަކުގައި ހިނގާފައިވާއިރު އެއީ 745 ނުވަތަ %68 އެކްސިޑެންޓެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި 356 އެކްސިޑެންޓް ހިނގާފައިވާއިރު އެއީ %32އެވެ. މި އެކްސިޑެންޓްތަކުގައި 61 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީމަހާއި މެއިމަހުގައެވެ. މި ދެމަހުގައިވެސް ހިނގާފައިވާ އެކްސިޑެންޓްގެ އަދަދު އުޅެނީ 200އިން މަތީގައެވެ.
• ޖެނުއަރީ : 151
• ފެބްރުއަރީ : 215
• މާރިޗު : 187
• އޭޕްރީލް : 161
• މެއި : 207
• ޖޫން : 180
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލޭގައި 911 އެކްސިޑެންޓް ހިނގާފައިވާއިރު ސިނަމާލެ ބްރިޖްއާއި ހައިވޭގައި 190 އެކްސިޑެންޓް މި މުއްދަތުގެ ތެރޭގައި ހިނގާފައިވެއެވެ. އަދި މި އެކްސިޑެންޓްތަކުގައި 1107 އުޅަނދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
މިދިޔަ މަހުގެ ނިޔަލަށް ހިނގާފައިވާ އެކްސިޑެންޓްތަކުގެ ބާވަތްތަކަށް ބަލާއިރު ސައިކަލާއި ކާރު ޖެހިގެން 295 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އަދި ސައިކަލާއި ސައިކަލު ޖެހިގެން 267 އެކްސިޑެންޓް ހިނގާފައިވާއިރު އެކްސިޑެންޓެއް ވުމުން މަޑުނުކޮށް ދިއުމުގެ 91 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ކާރާއި ކާރު ޖެހިގެން 89 އެކްސިޑެންޓް ހިނގާފައިވާކަމަށްވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފަހަކަށްއައިސް ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، މީގެ ތެރެއިން ބައެއް އެކްސިޑެންޓަކުގައި މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ. އެހެންކަމުން ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެކުގައި މަސައްކަތްކޮށްގެން މަގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ވަކިން ޚާއްސަކޮށް ދުވެލި މަޑުކުރުމަށާއި، މަގުމަތީގެ ޤަވާއިދުތަކަށް ވެހިކަލް ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެއުޅޭ މީހުންވެސް މިހާރަށްވުރެ ބޮޑަށް ސަމާލުވެ ހޭލުންތެރިވާންޖެހެއެވެ.