ޚަބަރު

އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމްކުރުމަށް، ޓްރޭޑްމާކް ބިލު މަޖިލީހަށް


  • ޓްރޭޑްމަރކްގެ ޙައްގަކަށް އަރިގެންފިނަމަ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭނެ

  • ކައުންޓަރފީޓް މުދަލެއް ވިއްކައިފިނަމަ 2 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ

ރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް، ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެންބަރު އަޙްމަދު ޒާހިރުއެވެ.

ސަރުކާރުން "ޓްރޭޑްމަރކްގެ" ބިލު މަޖިލީހަށް ހުށަހެޅުއްވީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމަރކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ކަމަށެވެ. އަދި ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމަރކާ ގުޅިގެން އެޓްރޭޑްމަރކްގެ ވެރިފަރާތައް ލިބޭ ޙައްގުތަކުގެ ދާއިރާ ބަޔާންކުރުމާއި ޓްރޭޑްމަރކްގެ ޙައްގަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގެ ދަށުން "ޓްރޭޑްމަރކް" ކަމުގައި ބެލެވޭނީ އެއް ފަރާތެއްގެ މުދަލާއި ޚިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްގު ލިބޭނީ އެ ޓްރޭޑްމަރކެއް ރަޖިސްޓްރީ ކުރުމުންނެވެ.

މިގޮތަށް ރަޖިސްޓްރީ ކުރާ ޓްރޭޑްމަރކްގެ ވެރިފަރާތެއްގެ ހުއްދައާ ނުލައި އެ މަރކަކާއި އެއްގޮތް ނިޝާނެއް ނުވަތަ އެ މަރކް ނިސްބަތްވާ މުދަލާއި ޚިދުމަތާ އެއްގޮތް އެއްޗެއް ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުން އަރާނެފަދަ ހާލަތެއްގައި އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ޙައްގު ޓްރޭޑްމަރކް ރަޖިސްޓްރީ ކުރާ ފަރާތައް ލިބޭނެއެވެ. މި ބިލުގައި ޓްރޭޑްމަރކް ރަޖިސްޓްރީ ކުރާ ފަރާތައް ލިބިގެންވާ ޙައްގުތައް ބޭނުން ނުކުރެވޭނެ ދާއިރާތައްވެސް ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.

މި ބިލުގައިވާގޮތުން ރާއްޖޭގައި ޓްރޭޑްމަރކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ޓްރޭޑްމަރކްގެ ބިލުގައި ބުނެފައިވާ ގޮތުގައި ޓްރޭޑްމަރކްގެ ޙައްގަކަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި މައްސަލައެއްގައި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި މައްސަލަ ލަސްވުމުގެ ސަބަބުން ޓްރޭޑްމަރކްގެ ވެރިފަރާތައް އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ހާލަތެއްގައިވެސް މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެއް ނެތި ވަގުތީ އަމުރެއް ކޯޓަށް ނެރެވޭނެއެވެ.

ޓްރޭޑްމަރކްގެ ޙައްގަކަށް އަރައިގެންފައިވާކަން ސާބިތުވާނަމަ އެ ޓްރޭޑްމަރކެއްގެ ވެރިފަރާތައް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ކޯޓަށް ކަނޑައެޅިދާނެ ކަމަށްވެސް ވަނީ ބިލުގައި ހިމަނާފައެވެ. އަދި ޓްރޭޑްމަރކާ ގުޅޭ ޙައްގަށް އަރައިގަތުން ހުއްޓުވައި އެ ޙައްގުތައް އަނބުރާ ހޯދަން ހިނގާ ޚަރަދު ހޯދައިދޭންވެސް ކަނޑައެޅިދާނެ ކަމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ބިލުގައި ރާާއްޖޭގައި ކައުންޓަރފީޓްކުރުން ނުވަތަ ޓްރޭޑްމަރކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުންވެސް ވަނީ މަނާކޮށްފައެވެ. މިފަދަ އަމަލެއް ކޮށްފި މީހަކަށް 100،000 ރުފިޔާ އާއި 2000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ބިލު ފާާސްކޮށް، ތަސްދީގު ކުރުމާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމަރކްތައް އަލުން ރަޖިސްޓްރީކުރަން 12 މަސް ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރެވިއްޖެނަމަ އެ ޓްރޭޑްމަރކްތައް އުވާލެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީވެސް ބިލު ތަސްދީގު ކުރައްވާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ފަހުންނެވެ.