ކުޅުންތެރިންނަށް އަރާމުކުރުމުގެ ފުރުސަތު ނުލިބި، ޖެހިޖެހިގެން މުބާރާތްތައް ކުޅެން ޖެހުމުގެ ސަބަބުން ހަގީގީ ކުޅުން ނުދެއްކޭ ކަމަށް ކުލަބު އެޗްޑީސީގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ.
ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދި މެޗަށްފަހު ދިން އިންޓަވިއުއެއްގައި ސާޖިދު ބުނީ މުބާރާތަށް ނިކުތް ފުރަތަމަ ދުވަހުން ފެށިގެން އައީ ފައިނަލްގައި ކުޅެން ތައްޔާރުވެގެން ކަމަށެވެ.
އެހެންނަމަވެސް ކުޅުންތެރިންގެ ރިކަވަރީއަށް އެކަށީގެންވާ ވަގުތު ނުލިބޭތީ ވަރުބަލިކަމާހުރެ އަސްލު ކުޅުން ދެއްކުމަށް ވަރަށް އުނދަގޫވާނެކަމަށެވެ.
ފައިނަލްގައި އަބަދުވެސް މި ޖެހެނީ ސިފައިންގެ ކުލަބާއި ކަމަށާއި އެހެންނަމަވެސް އަޒުމަކީ ސިފައިން ބަލިކުރުންކަމަށް ސާޖިދު ބުންޏެވެ.
“ސިފައިންނަކީ ޓީމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ބަލަނީ އަބަދުވެސް ޓީމުވޯކް ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި. ސިފައިން އަދި މިހާރު ބޭރު ކުޅުންތެރިން ބަދަލުކުރިފަހުން ކުރިޔަށްވުރެ މާ ވަރުގަދަކޮށް އަޅުގަނޑުމެންނަށް ފެންނަނީ. ފަސޭހައެއް ނުވާނެ ސިފައިން ބަލިކުރާކަށްވެސް. އެހެންނަމަވެސް އަޒުމަކީ ހަމަ ސިފައިން ބަލިކުރަން ނިކުތުން” ކަމަށް ސާޖިދު ބުންޏެވެ.
އެޗްޑީސީގެ ބިދޭސީ ކުޅުންތެރިންނާއި ގުޅޭ ގޮތުން ސާޖިދުބުނީ ކޮލަމްބިއާގެ ކުޅުންތެރިޔާއާއި އިންޑިއާ ކުޅުންތެރިޔާވެސް ޓީމާއެކު ރަނގަޅަށް ޕާފޯމް ކުރާކަމަށެވެ. އެހެންނަމަވެސް އެޗްޑީސީއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ތިން މުބާރާތް ރެސްޓެއްނެތި ކުޅެންޖެހުން ކަމަށް ސާޖިދު ފާހަގަކުރިއެވެ.
ގައުމީ މުބާރާތުގައި ވާދަކުރީ އެއްވަރެއްގެ ޓީމުތަކެއް ކަމަށާއި އެޗްޑީސީ ޓީމަކީ ވަރަށް ޅަފަތުގައި އޮތް ޓީމެއް ކަމަށްވެސް ސާޖިދު ބުންޏެވެ.
ސާޖިދު ބުނީ އެޗްޑީސީއަށް މިހާތަނަށް ނުލިބި އޮތް ތައްޓަކީ ގައުމީ މުބާރާތުގެ ތަށިކަމުން ފައިނަލްގައި ނިކުންނާނީ މި ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ.