ޚަބަރު

ލަންކާގެ ސޯސަންވިލާގައި ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މުޤައްރަރަށް މުހިންމު ބަދަލުތަކެއް


  • އިސްލާމާއި ދިވެއްސާއި ޤުރުއާން ފައުންޑޭޝަން ލެވެލްއިން ފެށިގެން އެސްއެސްސީ ފެންވަރަށް އަންނަނީ ކިޔަވައިދެމުން

  • މުޤައްރަރަށް ގެނެވުނު އިސްލާޙުތަކާއެކު ކިޔަވައިދިނުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް

  • ސޯސަންވިލާގައި މިހާރު ކިޔަވައިދެމުންދަނީ ހަފްތާއަކު 3 ދުވަހު

ސްރީލަންކާގައި ހުންނަ ސޯސަންވިލާގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރަކީ ރާއްޖެއާއި ލަންކާގެ ދެމެދުގައި އޮންނަ ޒަމާނީ ރަހުމަތްތެރިކަން އާލާކޮށް ދިރުވުމަށްޓަކާ އަދި ލަންކާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ރާއްޖޭގެ ސަޤާފީ ކަންތައްތައް ދިރުވާ އާލާކުރުމަށްޓަކާ ހިންގާ ތަނެކެވެ. މި ސެންޓަރުގައި ދިވެހިންނަށާއި ލަންކާގެ ރައްޔިތުންނަށް ތަފާތު ޕްރޮގްރާމްތައް ހިންގައެވެ.

މީގެ ތެރޭގައި ލަންކާގެ ރައްޔިތުންނަށް ދިވެހި ބަސް ދަސްކޮށްދޭ ކުރު ކޯސްތަކާއި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ސިންހަޅަބަސް ދަސްކޮށްދިނުމަށް ހިންގާ ކުރު ކޯސްތަކާއި، ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކޯސްތަކާއި، ޑްރާމާ ލިޔުމާއި ހުށަހެޅުމާއި، ވާހަކަ ދައްކަން ދަސްކޮށްދޭ ކޯސްތައް ހިމެނެއެވެ. އަދި ދަރިވަރުންނަށް އިސްލާމާއި، ދިވެއްސާއި ޤުރުއާން ފައުންޑޭޝަން ސްޓޭޖުން ފެށިގެން އެސް.އެސް.ސީ ފެންވަރަށް ކިޔަވައިދިނުމަށް ހިންގާ ތަފާތު ފެންވަރުގެ ކޯސްތައް ހިމެނެއެވެ. މިއިން ކޮންމެ ކޯހެއްވެސް ހިންގަނީ އެކި ލެވެލްތައް ހިމެނޭގޮތަށްކަމަށް އެ ސެންޓަރުން ބުނެއެވެ.

މި ސެންޓަރުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހި ބަހުގެ މުދަރިއްސެއްކަމަށްވާ މަރްޔަމް ޚަލީލް ވިދާޅުވީ، މި ސެންޓަރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަމަ ރާއްޖޭގެ ސްކޫލެއްގައި ކިޔަވައިދޭ ދިނުމާ މާބޮޑު ތަފާތެއް އިޙްސާސްނުކުރެވޭނެކަމަށެވެ. އަދި މާލޭގެ ސްކޫލްތަކުގައި ހިންގާފަދަ ބަހާއި އަދަބިއްޔާތާ ގުޅުންހުރި ތަފާތު ހަރަކާތްތައް ސޯސަންވިލާގައި ހިންގާކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަކަށް އިޙްސާސެއް ނުކުރެވޭ މިއުޅެވެނީ ރާއްޖޭގައި ނޫންކަމުގެ. ސޯސަންވިލާއިން އަޅުގަނޑުމެންގެ ދަރިންނަށް މަދަހަ މުބާރާތް އެބަ ބޭއްވޭ، ޤުރުއާން މުބާރާތް އެބަ ބޭއްވޭ. އަދި އަދަބީ ފޯވަހިފަދަ އެކިއެކި ކަންކަންވެސް މިތަނުގައި ވަރަށް ހިނގަމުންދަނީ. ހަމައެއާއެކީގައި މާލޭގެ ސްކޫލްތަކުގައި ފާހަގަކުރާ ޢީދު، ޤައުމީ ދުވަސް، ޖުލައި 26 މިފަދަ ދުވަސްތައްވެސް އަޅުގަނޑުމެން މާލެއެކޭ އެއްގޮތަށް މިތަނުގައި ފާހަގަކުރަމުންދަނީ." މަރްޔަމް ޚަލީލް ވިދާޅުވިއެވެ.

މި ސެންޓަރުގައި ކިޔަވައިދޭ ކޯސްތަކުގެ މުޤައްރަރަށް ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބެއްގެ ގޮގޮތުގައި މަރްޔަމް ޚަލީލް ފާހަގަކުރެއްވީ، އެސް.އެސް.ސީ އިމްތިޚާނަށް ކުދިން ތައްޔާރުކުރަމުންދިޔައިރު ކުދިންގެ ފެންވަރު އެސް.އެސް.ސީ އިމްތިޚާނަށް ނުފެތޭއީއާ، ދަށް ގްރޭޑްތަކުގައި އުޅޭ ކުދިންގެ މެދުގައި ދިވެހިބަހަށް ކޮށިވުންކަމަށެވެ.

އެހެންކަމުން މުޤައްރަރަށް ބަދަލު ގެނައުމުގައި އެންމެ ބޮޑަށް ބެލީ ތަފާތު އުމުރުފުރާގެ ކުދިންވެސް ދިވެހި ބަހާއި އަދަބީ ފަންނަށް ފަރިތަވެ ޝައުގުވެރިވާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމަށްކަމަށް މަރްޔަމް ޚަލީލް ވިދާޅުވިއެވެ.

މުޤައްރަރު މިހާރު އެކުލެވިފައިވާގޮތް:

1. ދާލަ (ފައުންޑޭޝަން ސްޓޭޖާއި، ގްރޭޑް 1 އަދި 2): މި ފިޔަވަހީގައި ދަރިވަރުންނަށް ކިޔަވައިދޭނީ ޤުރުއާނާއި ދިވެހި ބަހެވެ. މި ބައި ބެހިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ.

އެގޮތުން ދާލަ 1 ގައި އަކުރު ދަސްކޮށްދިނުމާއި، ފިލިކިޔަން ދަސްކޮށްދިނުމުގެ އިތުރު ކުދި ޖުމްލަ ހަދަން ދަސްކޮށްދޭނެއެވެ. މި ބައި ޚާއްސަކޮށްފައިވަނީ ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށެވެ. ދާލަ 2 ގްރޭޑް 1 އަދި 2 ކުދިންނަށް ޚާއްސަކޮށްފައިވާއިރު، މި ބައިގައި ތަފާތު ފެންވަރުގެ ޖުމްލަ ހެދުމާއި ޕްރެގްރާމް ލިޔަން ދަސްކޮށްދެވޭނެއެވެ.

2. ކޯދު (ގްރޭޑް 3، 4 އަދި 5): މި ބައިގައިވެސް ކިޔަވައިދޭނީ ޤުރުއާނާއި ދިވެހިބަހެވެ. ނަމަވެސް ދިވެހި ބަސް ކިޔަވައިދިނުމުގައި އިސްލާމް ފިލާވަޅުތައްވެސް ހިމެނޭހެން ކިޔަވައިދެވޭނެއެވެ. އަދި ދިވެހި ތާރީޚާއި ދިވެހި ޤައުމިއްޔަތުގެ މަޢުލޫމާތުތައްވެސް ދެވޭނެއެވެ. މި ބައިވެސް 2 ބަޔަކަށް ވަނީ ބަހާލާފައެވެ.

3. ފަނާރު (ގްރޭޑް 6، 7 އަދި 8): މި ފިޔަވަހީގައި ކިޔަވައިދޭނީ ޤުރުއާން، ދިވެހިބަސް އަދި އިސްލާމް މާއްދާ ވަކިވަކިންނެވެ. މި ފިޔަވަހީގައި ދަރިވަރުންނަށް ކިޔަވައިދެވޭނީ ރާއްޖޭގައި މި ގްރޭޑްތަކުގައި ކިޔަވައިދޭ މުޤައްރަރަށެވެ. މި ބައި ބެހިފައިވަނީ 3 ބަޔަކަށެވެ.

4. ކުރިބޯށި (ގްރޭޑް 9 އަދި 10): މި ފިޔަވަހީގައި ދަރިވަރުންނަށް ކިޔަވައިދެވޭނީ ދިވެހިބަސް އަދި އިސްލާމް މާއްދާއެވެ. މި ދެ މާއްދާވެސް ކިޔަވައިދޭނީ ރާއްޖޭގައި މި ގްރޭޑްތަކުގައި ކިޔަވައިދޭ މުޤައްރަރަށެވެ. މި ބައި ބަހާލާފައިވަނީ 2 ބަޔަކަށެވެ.

މުޤައްރަރަށް ގެނެވުނު ބަދަލުތަކާއެކު އެކަމުގެ ހެޔޮ އަސަރު ދަރިވަރުންގެ ނަތީޖާތަކުންވެސް މިހާރު ފެންނަމުންދާކަން މަރްޔަމް ޚަލީލް ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރާއި މިއަހަރުގެ އެސްއެސްސީ އިމްތިޚާނުންވެސް ސޯސަންވިލާއިން ބައިވެރިވި ދަރިވަރުންގެ %100 ދިވެހިން ފާސްވެފައިވާކަމަށް މަރްޔަމް ޚަލީލް ވިދާޅުވިއެވެ.

"މިހާރުވެސް އަޅުގަނޑުމެންނަށް ބައެއް ބެލެނިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކް އެބަލިބޭ. ޚާއްސަކޮށް ދާލަ 1،2 ގެ ކުދިންނަށް ވަރަށް ގިނަ ލަފްޒުދަސްވިކަމަށް ޓީޗަރުންނާއި ބެލެނިވެރިންވެސް ފާހަގަކުރައްވާ. އުއްމީދުކުރަނީ ދާލަ 1،2 ގެ ކުދިން އެސް.އެސް.ސީ އިމްތިޚާނު ހަދާއިރު ސޯސަންވިލާއަށް ރީތިނަމެއް ހޯދަދޭނެކަމަށް." މަރްޔަމް ޚަލީލް ވިދާޅުވިއެވެ.

ސޯސަންވިލާގައި މިހާރު ކިޔަވައިދެމުންދަނީ ހަފްތާއަކު 3 ދުވަހުއެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. ސޯސަންވިލާގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގެ ހަރަކާތްތަކާމެދު ހިތްހަމަޖެހޭކަން އެތަނަށް ދަރިވަރުން ކިޔަވަން ފޮނުވާ ބެލެނިވެރިންވެސް ފާހަގަކުރެއެވެ.

"އަޅުގަނޑުވެސް ސޯސަންވިލާއަށް ކުދިން ކިޔަވަން ގެންނަތާ މިހާރު 9 ވަރަކަށް އަހަރުވެއްޖެ. ހަޤީޤަތަށް ބަލާއިރު ރާއްޖޭން ބޭރުގައި ކުދިންނަށް ކިޔަވައިދޭއިރު، ކްލާސްރޫމެއްގެ ތެރޭގައި ކުދިންނަށް ކިޔަވައިދޭއިރުގައި އެ ކުދިންގެ ސްޓޭންޑެޑް ހިފަހައްޓައި، އެކުދިން ކުރިއަށްގެންދިއުމަށްޓަކާ ވަރަށް ރަނގަޅު މޮޑިއުލަކަށް މިހާރު މަސައްކަތް ކުރެވެމުން އެދަނީ." ޕީ.އެސް.އެމް ނިއުސްއާ ވާހަކަދެއްކި ބެލެނިވެރިޔަކު ބުންޏެވެ.

ސޯސަންވިލާގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުން ބުނިގޮތުގައި އެ ސެންޓަރުގެ އަމާޒަކީ ރާއްޖެއާއި ލަންކާއާ ދެމެދުގައި އެކުވެރިކަން އާލާކުރުމަށްޓަކާ ހިންގާ ތަފާތު ހަރަކާތްތަކުގެ އިތުރުން، ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ މެދުގައި ރާއްޖޭގެ ސަޤާފަތާއި އާދަކާދަ ދިރުވާ އާލާކުރުމެވެ. އަދި އެ މަރުކަޒުން ކިޔަވާ ކޮންމެ ދަރިވަރަކީވެސް ދިވެހި ޤައުމާއި ޤައުމިއްޔަތަށް ލޯބިކުރާ، ދިވެހިވަންތަ ސިފަތަކެއް އަށަގެންފައިވާ، އެއްބައިވަންތަ، އުފެއްދުންތެރި އަދި ތަހުޒީބު ދަރިންތަކަކަށް ހެދުންކަމަށް އެ މަރުކަޒުން ބުނެއެވެ.