ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކޮހޯޓް 3 ފަށައިފިއެވެ. މިއަހަރުގެ ޕްރޮގްރާމުގައި 73 ޒުވާނުން ވަނީ ބައިވެރިވެފައެެވެ.
މެރިއޮޓް އިންޓަރނޭޝަނަލްއާއި ޒުވާނުންނާއި ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ކޮހޯޓް 3ގެ ތަމްރީނުތައް ފެށުމަށް އެ ވުޒާރާއިން ވަނީ ޝެރަޓަން މޯލްޑިވްސްގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި މި ފަހަރުގެ ބެޗުގައި ބައިވެރިވާ ޒުވާނުންނަށް ވަނީ ޕްރޮގުރާމަށް ހޮވުނުކަމުގެ ލިޔުން ދީފައެވެ. ބައިވެރިންނާ ލިޔުން ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރުގެ ނައިބު މުޙައްމަދު އަސީލްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު އަސީލް ވިދާޅުވީ، ޒުވާނުން ކުރިއަރާދާން ބޭނުންވާ ދާއިރާތަކުން އަސާސީ ހުނަރުތައް މި އެޕްރެންޓިސްޝިޕް ޕްރޮގުރާމުން ދަސްކޮށްދޭނެ ކަމަށެވެ. އަދި މި ޕްރޮގުރާމުން ޤައުމު ޤަބޫލުކުރާ ވަރުގެ ޒުވާނުންތަކެއް އުފެއްދޭނެކަމަށާއި އެ ކުދިންގެ ކުރިމަގުގެ ބިންގާ އަޅާދޭނެކަމަށް އަސީލް ވިދާޅުވިއެވެ.
އަސީލް ވިދާޅުވީ، މި އެޕްރެންޓިސްޝިޕް ޕްރޮގުރާމުތައް ހިންގަނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހަމަތަކާ އެއްގޮތަށް ކަމަށެވެ. އަދި ޕްރޮގުރާމުގެ މަގުޞަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ ޢުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ޒުވާނުން ހިއްސާކުރޭ. ވުމާއެކު ޒުވާނުން ކުރިއަރާދާން ބޭނުންވާ މަގު ކޮށައިދިނުމަކީ އަޅުގަނޑުމެން މިނިސްޓްރީގެ ޒިންމާއެއްކަމަށް ދެކިގެން މި މަސައްކަތް ކުރަމުން ދަނީ. އަދި މިނިސްޓްރީން ހިންގާ މިފަދަ އެޕްރެންޓިސްޝިޕް ޕްރޮގުރާމުން ވަޒީފާގައި ނޫޅޭ މީހުންގެ ރޭޓު ދަށް ކުރެވި ހުނަރުވެރި ބަޔަކު ވަޒީފާގެ ބާޒާރަށް ނެރެވިގެންދާނެ." ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު އަސީލް ވިދާޅުވިއެވެ.
މީގެ އިތުރުން، އަދި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކޮށް އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ދިވެހި ކޮންމެ ޒުވާނަކު ހެދުމަކީ ވެސް މިޕްރޮގުރާމުގެ މަޤުސަދުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ވިދާޅުވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝެރަޓަން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އެލެން ގްރެގް ވިދާޅުވީ، ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި ތިންވަނަ ބެޗުގެ ދަރިވަރުންނަށް ޢަމަލީ ސެޝަންތަކެއްގެ އިތުރުން ތިއަރީ ސެޝަންތަކެއްވެސް ނަގައިދޭނެކަމަށެވެ. އަދި އެމްކިއުއޭ ޤަބޫލުކުރާ ފެންވަރުގެ ލެވެލް 3ގެ ސެޓްފިކެޓެއް ތަމްރީން ފުރިހަމަކުރާ ޒުވާނުންނަށް ލިބޭނެކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތަމްރީނުތައް ކުރިއަށް ގެންދަނީ މައިގަނޑު 6 ދާއިރާއަކަށެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި، ޢިމާރާތްކުރުމުގެ ދާއިރާއާއި، އިޖުތިމާޢީ ދާއިރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ފަންނިއްޔާތުގެ ދާއިރާއެވެ.
މީގެ ކުރިން ރިސޯޓު މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި އެޕްރެންޓިސްޝިޕް ޕްރޮގުރާމުގައި 52 ޒުވާނުން ދަސްވެނިވެފައިވެއެވެ. އަދި މި ފެށި އެޕްރެންޓިސްޝިޕް ޕްރޮގުރާމުގައި 73 ޒުވާނުން ތަމްރީންވާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި މިއީ މިހާތަނަށް މި ޕްރޮގްރާމުގައި އެންމެ ގިނަ އަދަދަކަށް ދަރިވަރުން ބައިވެރިވި އަހަރުކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.