ޚަބަރު

މާލޭގެ ބޭނުން ނުކުރާ 3 އިމާރާތެއް ތަޅާލުމުގެ މަސައްކަތް ފަށައިފި


  • ފުރަތަމަ ތަޅާލާނީ އޯކިޑް ޕްލާޒާ

  • މިމަސައްކަތް ކުރާނީ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އާންމުންނަށް އުނދަގޫ ނުވާގޮތަށް

މާލޭގައި ބޭނުން ނުކުރާ 3 އިމާރާތެއް ތަޅާލުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މި ތިން އިމާރާތް ތަޅާލުމަށް ނިންމާފައިވަނީ، އެ ތަންތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވުމާއެކު އެ އިމާރާތްތަކުގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައެވެ. މާފަންނުގެ 3 އިމާރާތެއް ކަމަށްވާ، އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ތަޅާލުމަށް އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ނިންމާފައިވާއިރު، މީގެ ތެރެއިން އެންމެ ފުރަތަމަ ތަޅާލާނީ އޯކިޑް ޕްލާޒާއެވެ.

މިމަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މި މަސައްކަތް ކުރާނީ އާންމުންނަށް އުނދަގޫ ނުވާ ގޮތަށް ކަމަށެވެ. އަދި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި އިމާރާތްތައް ހަދާފައިވަނީ ދަނގަނޑު ބޭނުންކޮށްގެން އޭގެ މައްޗަށް ރާނާއިގެން. އެހެންވީމާ ކޮންމެ ތަޅާލުމުގައި ކަރަންޓު ބޭނުންކުރަންޖެހޭނެ. ހަމަ އެއާއެކު ގޭސް ކަޓަރ އެއްޗެހި ބޭނުން ކުރަންޖެހޭނެ. އެހެންވީމަ މަސައްކަތް ކުރާއިރު ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން މަސައްކަތް ކުރަން ޖެހޭނީ. އަދި ރޭގަނޑުވެސް ވަކިވަގުތެއް ފަހުން ނުކުރެވޭނެ، މީހުން ދިރިއުޅޭ ހިސާބެއް ވީމަ މީހުންނަށްވެސް އުނދަގޫ ނުވާގޮތަށް މަސައްކަތް ކުރާނީ." ވަޒީރު ވިދާޅުވިއެވެ.


މި ތިން އިމާރާތް ތަޅާލުމުގެ މަސައްކަތް އެވުޒާރާއިން ފަށާފައިވާއިރު، މި ތަންތަނަކީ މީގެ ކުރިން އަލިފާނުގެ ހާދިސާތައް ހިނގާ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ތަންތަނެވެ. މިހާރު މި އިމާރާތްތަކަކީ މީހުން ވަދެ ނިކުމެ އުޅެން ރައްކާތެރި ތަންތަނެއް ނޫނެވެ.

ވުޒާރާގެ ފަރާތުން މިމަސައްކަތް ކުރާއިރު، ފުރަތަމަ އޯކިޑް ޕްލާޒާ ތަޅާލުމަށްފަހު ބިން ސާފުކުރާނެވެ. އަދި ނިއު ޕްލާޒާ ތަޅާލުމުގައި އެ ބިން ބޭނުންކުރެވޭ ގޮތަށް މަސައްކަތް ކުރަން ވަނީ ނިންމާފައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ މީގެ ކުރިންވެސް މާލޭގެ ބޭނުން ނުކުރާ އިމާރާތްތައް ތަޅާލާފައެވެ.