ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ފަރުވާދެމުންދާ 3 ފުލުހުންގެ ތެރެއިން 2 ފުލުހަކު ފަރުވާއަށްފަހު ދޫކޮށްލައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި އަލިފާން ނިއްވުމަށް ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން 3 މީހަކަށް ދުމުގެ އަސަރުކުރުމުގެ ސަބަބުން ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓްކުރިކަމަށެވެ. އޭގެތެރެއިން 2 ފުލުހަކަށް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި 3 ވަނަ ފުލުސް މީހާ އައިސީޔޫގައި ފަރުވާދިނުމަށް ފަހު ވޯޑަށް މިހާރު ބަދަލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
އެންސިސްގެ ގުދަނުގައި ރޯވެގެން ސިފައިންނަށް ރިޕޯޓްކުރީ ރޭގެ ވަގުތެއްގައެވެ. އެމްއެންޑީއެފްގެ ފަޔާމަނުންގެ މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ 11:00 އެހާކަންހާއިރުއެވެ. އަދި ގުދަނުގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވުނު އިރު މުޅި ސަރަހައްދަށް ވަނީ ބޯ ދުން ފެތުރިފައެވެ.