އަންނަ އަހަރު ކުލަބުތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ސިކްސެސް ނަމުގައި ބައިނަލްއަގުވާމީ ކްރިކެޓް މުބާރާތެއް ބާއްވަން މަސައްކަތްކުރަމުންދާ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވީ އަންނަ އަހަރަކީ ކްރިކެޓްގައި އަމާޒުތަކެއް ކަނޑައެޅިފަވާ އަހަރެއް ކަމަށެވެ.
ފައިސަލް ވިދާޅުވީ ކްރިކެޓް ބޯޑުން މިއަހަރު މާބޮޑު ޓާގެޓެއް ނެތް ނަމަވެސް އަންނައަހަރަކީ ބޮޑެތި ޓާގެޓްތަކެއް ކަނޑައެޅިފައިވާ އަހަރެއް ކަމަށެވެ.
ސަރަހައްދީ ކުލަބުތައް ބައިވެރިވާ މުބާރާތް ތާވަލުކޮއްފަވަނީ އަންނަ އަހަރުގެ ކުޑައީދުގެ ބަންދަށް ފަހުއެވެ. މި މުބާރާތުގައި ހަ ޓީމެއް ބައިވެރިވާނެ ކަމަށް ކްރިކެޓް ބޯޑުން ވަނީ ހާމަކޮއްފައެވެ.
"6 ޓީމަށް ދައުވަތު ދީގެން ބާއްވާ މުބާރާތެއް މިއީ، މިހާރު ރާވާފަވާ ގޮތުން އަންނަ އަހަރު ކުޑަ އީދަށް ފަހު މުބާރާތް ބޭއްވޭނެ." ފައިސަލް ވިދާޅުވިއެވެ.
މިއަހަރު ބައިނަލްއަގުވާމީ ބޮޑު ދެ އިވެންޓަގައި ރާއްޖެއިން ބައިވެރިވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެއީ ސީނިއަރ ގައުމީ ޓީމުން ވާދަކުރާ ޓީ20 ވޯލްޑްކަޕް ކޮލިފައިންގެ އިތުރުން 19 އަހަރުން ދަށުގެ ޓީމު ވާދަކުރާ އެސީސީ މުބާރާތެވެ.
މި ސަރަހައްދުގެ ކުލަބުތަކަށް އަމާޒުކޮށް މުބާރާތެއް ބާއްވަން އަމާޒު ހިފާއިރު ގައުމީ ކްރިކެޓް ޓީމުން ވަނީ މި އަހަރު އަވައްޓެރި ލަންކާގެ ޓީމަކާ އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ. މީގެ އިތުރުން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް އިނގިރޭސިވިލާތުގެ ވެޓެރެންސް ޓީމެއް ވެސް ވަނީ ރާއްޖެ އަށް ޒިޔާރަތްކޮއްފައެވެ.