މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް، އިސްލާމީ މަރުކަޒުގެ ފުރާޅުން ފެންލީކުވާ މައްސަލަ ހައްލު ކުރަން، އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ފައިބާތީ އެކި ދިމާލުގައި ބާލިދީ ބަހައްޓާފައި ހުރި މަންޒަރުގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިދިޔަ އަހަރު އިސްލާމީ މަރުކަޒުގެ ފުރާޅު ބަދަލުކުރީވެސް އެތެރެއަށް ވާރޭވެހޭތީ އެ މައްސަލަ ހައްލުކުރުމަށްކަމަށެވެ. އަދި އެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒަށް ފެންލީކުވާ މައްސަލަ ހައްލު ކުރުމަށް، ކަމާގުޅޭ ޓީމުތަކުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް، އެ ވުޒާރާއިން އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވިއެވެ.
އިސްލާމީ މަރުކަޒު ބިނާކުރީ މީގެ 40 އަހަރު ކުރިން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައެވެ. އިސްލާމީ މަރުކަޒު ބިނާކޮށް ހޭދަމިވީ 40 އަހަރުގެ ތެރޭގައި އެތަން ވެފައިވަނީ ދިވެހި ޤައުމުގެ އިސްލާމީވަންތަކަމުގެ މައި ރަމްޒަށެވެ. ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިންގާ މައި މަރުކަޒަށެވެ.
ބޭރުގެ މަޝްހޫރު ޢިލްމުވެރިން ގެނެސްގެން އިޙްޔާ ފޯރަމްތައް އެތަނުގައި ކުރިއަށް ގެންގޮސްފައިވެއެވެ. ދައުލަތުގެ އިސްވެރިންނާއި ޤައުމުގެ ޚިދުމަތްތެރިން އަވަހާރަވުމުން މިހާތަނަށް ކަށުނަމާދުކުރަމުން އަންނަނީވެސް މި މިސްކިތުގައެވެ. 2008 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އިސްލާމީ ވުޒާރާވެސް މިހާތަނާ ޖެހެންދެންވެސް ހިންގަނީ މި ބިނާގައެވެ.