ޚަބަރު

ރިސޯޓް ލީގުގެ ބޭނުމަކީ އަތޮޅުތެރޭގެ ކުޅުންތެރިންގެ ހުނަރު ތަރައްގީކޮށްދިނުން: ޝާފީ


މޯލްޑިވްސް ރިސޯޓް ވޮލީބޯޅަ ލީގަކީ އަތޮޅު ތެރޭގައި ވޮލީބޯޅަ ކޯޗުން ހިންގާ ޕްރޮގުރާމުތަކުން ފާހަގަކުރެވޭ ކުޅުންތެރިންނަށް ވަޒީފާގެ ފުރުސަތު ރިސޯޓުތަކުން ހޯދައިދީ، އެ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް އެހީވެދިނުމަށް ކުރިއަށްގެންދާ މުބާރާތެއް ކަމަށް ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ޝާފީ ވިދާޅުވެއްޖެއެވެ.

ސަން ސިޔާމް އޮޅިވެލި ރިސޯޓުގައި ކުރިއަށްދާ ސައުތު މާލޭ ޒޯން ވޮލީ މުބާރާތާ ގުޅޭ ގޮތުން "ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ޝާފީ ވިދާޅުވީ ވަށާޖެހޭ ކުޅިވަރުތަކަށް ބަލާއިރު ސަރުކާރަކަށް ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށާއި، ބައެއް ކަންކަން ރާވަން ޖެހޭނީ ކުލަބު ޖަމުއިއްޔާތަކުން އެއްބައިވެގެން ކަމަށެވެ. އެގޮތުގެ މަތިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިންވެސް ވަރަށް ގިނަކަންކަން ކުރިއަށްގެންދަވާކަން ޝާފީ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ކުރާ ކަމަކީ އަތޮޅު ތެރޭގައި ވޮލީބޯޅަ ކޯޗުން ހިންގާ ޕްރޮގްރާމުތަކުން ފާހަގަކުރެވޭ ކުޅުންތެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީ، އެ ކުޅުންތެރިންނަށް މާލޭގައި ކުޅޭ މުބާރާތްތަކުގައި ބައިވެރިނުވެވޭތީ އެ ކުދިންގެ ޓެލެންޓް އެބަ ބިލްޑްކުރަން ޖެހޭ. އެހެންވީމަ އަޅުގަނޑުމެން ބޮޑަށް ފޯކަސް މި ކުރަނީ ރިސޯޓް މުވައްޒަފުންނަށް" ޝާފީ ވިދާޅުވިއެވެ.

ޝާފީ ވިދާޅުވީ އަތޮޅުތަކުގައި ކޯޗުން ހިންގާ ޕްރޮގުރާމުތަކުން ފާހަގަވާ ކުދިންނަށް ރިސޯޓް މުބާރާތްތަކުން ރާއްޖޭގެ ގައުމީ ލީގަށް ނުވަތަ ބާއްވާ ބޮޑެތި މުބާރާތްތަކުގެ އެކިއެކި ކުލަބުތަކަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން ރިސޯޓް ލީގަކީ މާލެއިން އަންނަ ކުޅުންތެރިންނަށް ބައިވެރި ނުވެވޭގޮތަށް ހަމައެކަނި ރިސޯޓްތަކުގެ މުވައްޒަފުންނަށް ބާއްވާ މުބާރާތެއް ކަމަށްވެސް ޝާފީ ވިދާޅުވިއެވެ.

މޯލްޑިވިސް ރިސޯޓް ލީގު އިންތިޒާމުކުރާ ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސް އިން މިއަހަރު ތިން ސަރަހައްދެއްގައި މި މުބާރާތް ބާއްވާނެއެވެ. މިއަދު ސައުތު މާލޭ ޒޯންގެ މުބާރާތް ނިންމާލުމަށްފަހު ދެން އޮންނާނީ 14 ޖުލައިގައި ބާއްވަން ހަމަޖެހިފައިވާ ނޯތް މާލޭ ޒޯންގެ ވޮލީ މުބާރާތެވެ.

ސައުތު މާލޭ ޒޯންގައި މިއަހަރު ވާދަކުރީ ސަން ސިޔާމް އޮޅުވެއްޔާއި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓާއި އަމިއްލަ މޯލްޑިވްސް އަދި ވަލްޑޯޕް އެސްޓޯރިއާ އިތާ ފުއްޓާއި ކަނޑޫމާ މޯލްޑިވްސްއެވެ.

ރިސޯޓް ވޮލީ ލީގުގައި ޖުމްލަ 17 ޓީމަކުން ބައިވެރިވެފައިވެއެވެ. ނޯތް މާލޭ ޒޯންގެ މެޗުތަކަށްފަހު ދެން އޮންނަ މުބާރާތް ބާއްވާނީ އޮގަސްޓްގައެވެ.

މިދިޔަ އަހަރު ރިސޯޓް ވޮލީ ލީގު ބޭއްވީ ދެ ޒޯނެއްގައެވެ. އެއީ ބ އަދި މާލެޒޯނެވެ. މިދިޔަ އަހަރު މި މުބާރާތުގައި ބައިވެރިވީ 9 ރިސޯޓަކުންނެވެ.