ޚަބަރު

1،400 މީހުން މަރުވީ ބަޑި ޖަހަން ހަސީނާ ޢަމުރު ކުރެއްވުމުންކަން ހާމަވެއްޖެ


މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ބަންގްލަދޭޝްގައި ދަރިވަރުން އިސްވެ ކުރި މުޒާހަރާތައް ހުއްޓުވަން، ބަޑިޖަހައި، މުޒާހަރާގެ ބައިވެރިން މަރަން، އޭރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އެންގެވިކަން ހާމަވެއްޖެއެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ލީކުވި އޯޑިއޯގައި، ކޮންމެވެސް މީހަކަށް ފޯނުން ގުޅުއްވައި، ލައިވް ވަޒަން ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހަން ސިފައިންނަށް ހުއްދަ ދެއްވިކަމަށް ވިދާޅުވެއެވެ.

އެ އޯޑިއޯގެ ސައްޙަކަން އިނގިރޭސިވިލާތުގެ ބީބީސީ ނޫހުން ވެސް ވަނީ ކަށަވަރުކޮށްފައެވެ.

ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ މުޒާހަރާ ކޮށްފައެވެ. މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށް, ގިނަ ޢަދަދެއްގެ ދަރިވަރުން މަރައިލުމުން މުޒާހަރާތައް ހޫނުވެ އެންމެ ފަހުން ޙަސީނާ ބޮޑުވަޒީރު ކަމުން އިސްތިޢުފާ ދިނުމަށް މަޖުބޫރު ވިއެވެ. އޮގަސްޓު މަހުގެ 5ވަނަ ދުވަހު އިސްތިޢުފާ ދެއްވުމަށް ފަހު ޤައުމު ދޫކޮށް ވަޑައިގަންނަވައި ޙަސީނާ މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އަވަށްޓެރި އިންޑިޔާގައެވެ.

ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި، 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޙަސީނާ އިންޑިޔާއަށް ވަޑައިގެންނެވި ފަހުން ބަންގްލަދޭޝްގެ ކޯޓުތަކުގައި އޭނާއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ވަނީ ބަލަން ފަށައިފައެވެ. ޙަސީނާގެ ޣައިރު ހާޒިރުގައި ހިންގަމުންދާ އެ ޝަރީއަތްތަކުގައި، ހެކީގެ ގޮތުގައި ލީކުވެފައިވާ އޯޑިއޯ ބޭނުންކުރަން ޕްރޮސެކިޔުޓަރުން ވަނީ ނިންމައިފައެވެ.

ނަމަވެސް، އެ އޯޑިއޯގެ ސައްޙަކަމާއި ޙަސީނާއަށް ކުރާ ތުހުމަތުތައް، އޭނާގެ ޕާޓީ، އަވާމީ ލީގުން ވަނީ ތަކުރާރުކޮށް ދޮގުކޮށްފައެވެ.

ބީބީސީ ނޫހުން ބުނީ، 18 ޖުލައި 2024 ގައި އެ ފޯނު ކޯލު ކުރެއްވި ވަގުތު، ޙަސީނާ ހުންނެވީ ރަސްމީ ގެކޮޅުގައިކަން ޔަޤީންކުރެވިފައިވާ ކަމަށެވެ.

އަދި ބަންގްލަދޭޝްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ވެސް ވަނީ، އެ އޯޑިއޯގައި އިވެނީ، ޙަސީނާގެ އަޑުފުޅުކަން ޔަޤީންކޮށްދީފައެވެ.

މީގެއިތުރުން، ބީބީސީ ނޫހުން ވަނީ، 'އިޔަރޝޮޓް' ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ވެސް އެ އޯޑިއޯގެ ސައްޙަކަން އިތުރަށް ޔަޤީންކޮށްފައެވެ. މިގޮތުން، އެ އޯޑިއޯގައި އޭއައި ބޭނުންކޮށްގެން ޙަސީނާގެ އަޑުފުޅަށް އެއްވެސް އުނި އިތުރެއް ގެނެސްފައިވާކަމުގެ ނިޝާނެއް ނެތް ކަމަށް ވެސް އެ ކުންފުންޏާ ޙަވާލާދީ، ބީބީސީ ނޫހުން ބުންޏެވެ.