ޚަބަރު

މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ވަކިވިނަމަވެސް އެޗްޑީސީގެ އެޑްވައިޒަރީ މަޤާމެއްގައި ހުންނަން ބޭނުން: މައުރޫފް


  • މަޤާމާއި ހަވާލުވެ ހާސިލްކުރަން ކަނޑައެޅުއްވި ލަނޑުދަނޑިތައް ހާސިލުވި

  • މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމާއި ހަވާލުވީ މިދިޔަ ޑިސެމްބަރުމަހު

މަޤާމުން ވަކިވެވަޑައިގަތަސް، އެޑްވައިޒަރީ މަޤާމެއްގައި ހުންނަވައިގެން ކުންފުންޏަށް އެހީތެރިވުމަށް ބޭނުންފުޅުވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.

މައުރޫފް މިކަން ހާމަކުރައްވާފައިވަނީ، އޭނާ ރިޓަޔަރ ކުރެއްވުމާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރކަމުގެ މަޤާމަށް މައުރޫފް ޖަމީލް ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅުއެވެ. ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ރިޓަޔަރމަންޓުގައި ހުންނެވުމަށްފަހު އެ މަޤާމާއި އޭނާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށްކަމަށެވެ.

"ސެމީ ރިޓަޔަރމެންޓުގައި އަޅުގަނޑު ހުރެފައި މި އައީ. މަޤާމަށް އައުމުގެ އެއް ސަބަބަކީ މިކަމުގެ މުހިންމު ކަމާއެކު އެޗްޑީސީއަށް އިސްލާހުތަކެއް ގެންނަން ބޭނުންވާތީ. ރާއީސް ރިކުއެސްޓް ކުރެއްވީމަ ބަލައިގަންނަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާތީ. ކުޑަ ދުވަސްކޮޅަކަށްވެސް ކޮށްދެވޭނެ ކަންކަން ޔަޤީންވާތީ" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވަނީ އޭނާ މަޤާމާއި ހަވާލުވުމަށްފަހު އެޗްޑީސީއަށް އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވީ ހުޅުމާލޭގެ މާސްޓަރޕްލޭނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްކަމަށެވެ. މީގެއިތުރުން ދެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދެ ލަނޑުދަނޑިވެސް ހާސިލްވިކަން މައުރޫފް ފާހަގަކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ މަޤާމުން ރިޓަޔަރ ކުރެއްވިނަމަވެސް، ކުންފުނީގެ އެކި ކަންކަމުގައި ލަފާ ދިނުމުގެ ދައުރެއް އަދާކުރައްވަން ބޭނުންފުޅުވާކަމަށެވެ. އަދި އެގޮތަށް ކަންކަން ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވާކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

"ފުލް ރިޓަޔަރމެންޓަކަށް ދިއުމެއް ނޫން. އަޅުގަނޑު ހަމަ ބޭނުންވަނީ އެޗްޑީސީގެ އެޑްވައިޒަރ ނުވަތަ ކޮންމެވެސް މަޤާމެއްގައި ހުންނަވަން. އެޗްޑީސީން އެއްކޮށް ދުރަށް ދިއުމެއްވެސް ނޫން" މައުރޫފް ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުން މައުރޫފް ރިޓަޔަރކުރައްވަން ނިންމަވާފައިވާއިރު، އެޗްޑީސީއަށް މިހާތަނަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާކަމަށް އޭނާ ޤަބޫލުކުރައްވާއެވެ. އަދި ކުންފުނީގެ ކުރިމަގުވެސް އޮތީ އުޖާލާކޮށް ކަމަށާއި ކުންފުނިން ބާރަށް ހިންގާނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ތަރައްޤީގައި މިހާރު ފެންނަ ކުރިއެރުންތައް ހޯދުމުގެ އެންމެ އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި މުޙައްމަދު މައުރޫފް ޖަމީލު ހިމެނިވަޑައިގަންނަވައެވެ.