ޚަބަރު

ސްކޫލްތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް 5 ޑެޕިއުޓީ ސުޕްރިންޓެންޑެންޓުން


  • އެމީހުންގެ ޒިންމާތަކުގެ ތެރޭގައި ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަން ބެލުން

  • ޒޯނު އޮފީސް އަދި ޒޯނުގައި ހިމެނޭ ސްކޫލްތަކުގެ މާލީ ހިސާބު ބަލަހައްޓާކަން ކަށަވަރުކުރުން

ސްކޫލްތަކުގެ އިދާރީ ކަންކަން ބަލަހައްޓާނެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ފަސް ބޭފުޅަކު ތަޢުލީމީ ވުޒާރާއިން ހަމަޖައްސައިފިއެވެ.

އިދާރީ ކަންކަން ބަލަހައްޓަން ފުރަތަމަ ފަހަރަށް އުފެއްދި މަގާމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަމަޖެއްސީ އިސްމާޢީލް ސަޢުދުﷲއެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ މަހުއެވެ. އަދި މިހާރު ވަނީ ސަޢުދުﷲގެ ދަށުން މަސައްކަތް ކުރައްވާނެ ޑެޕިއުޓީންގެ ގޮތުގައި ތިއްބަވާނެ ފަސް ބޭފުޅުން ހަމަޖައްސަވާފައެވެ.

ޑެޕިއުޓީންގެ ގޮތުގައި ތިއްބަވާނެ ފަސް ބޭފުޅުން

* ފަޒްނާ ޔޫސުފު ފާރިގް
* އަހުމަދު ފައިސަލް
* މުހައްމަދު ނަތީމް
* އާމިނަތު ޒީނިޔާ
* އަލީ މުފީދު

ސުޕްރިންޓެންޑެންޓުންގެ މަސްއޫލިޔަތުތަކުގެ ތެރޭގައި ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަން ބަލައި އެ ކަންކަމުގައި ބައިވެރިވުމާއި ގައުމީ މަންހަޖަށް ލަފާ ދިނުން ހިމެނެއެވެ. އަދި އަހަރީ ބަޖެޓް ތައްޔާރު ކުރުމާއި ޒޯނު އޮފީސް އަދި ޒޯނުގައި ހިމެނޭ ސްކޫލްތަކުގެ މާލީ ހިސާބު ބަލަހައްޓާކަން ކަށަވަރުކުރުން ހިމެނެއެވެ.

ސްކޫލުތަކާ ގުޅުން އޮންނަ އެންމެންނާއެކު ރަނގަޅަށް މުއާމަލާތު ކުރެވޭނެ ހަރުދަނާ ނިޒާމެއް އޮތްކަން ޔަގީން ކުރުމާއި މުދައްރިިސުންނާއި ސްކޫލަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަތޯ ޔަގީން ކުރުމަކީ ވެސް ސުޕްރިންޓެންޑެންޓުންގެ ޒިންމާއެކެވެ.

ސުޕްރިންޓެންޑެންޓުންނާއި ޑެޕިއުޓީން ހަމަޖައްސާފައިވާއިރު، ނަތީޖާ ރަނގަޅުކުރަން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ މަހު ވަނީ ވިދާޅުވެފައިވެއެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ގެންނަ ސެކްޝަނަކަށް ވާނީ އެ ބޭފުޅުން ހަމަޖެއްސެވި ސްކޫލް އެޑްމިނިސްޓްރޭޝަން ދާއިރާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.