ޚަބަރު

ނޫމަރާ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ނިންމާލައިފި


  • މިއިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލެއް ހިމެނޭ

  • މިއިމާރާތުގައި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނޭ

  • އައު އިމާރާތާއެކު ރައްޔިތުންނާއި ގާތުން މިހާރަށްވުރެ ފުރިހަމައަށް ޚިދުމަތް ދެވޭނެ

ށ. ނޫމަރާ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ. ނޫމަރާ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނައިގެން، ށ.ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ.

ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ޖާގައިގެ ދަތިކަން އޮތް ކައުންސިލްތަކަށް އައު އޮފީސް އިމާރަތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ކައުންސިލްތަކުގެ އައު އިމާރާތްތައް ތަރައްޤީކުރުމަށް ނިންމާފައިވަނީ ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތައް ހައްލުކުރުމަށާއި މަސައްކަތް ކުރުމަށް ފަހި މާހައުލެއް ތަނަވަސްކޮށްދިނުމަށެވެ.

ނޫމަރާ ކައުންސިލް އައު އިމާރާތް ނިމުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ނޫމަރާ ކައުންސިލްގެ ނައިބު ރައީސް އަސްލަމް ހުސެއިން ވިދާޅުވީ ށ. ނޫމަރާ ކައުންސިލް އިދާރާގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި އިމާރާތަކީ ވަރަށް ގިނަދުވަސް ވެފައިވާ ޖާގައިގެ ގޮތުން ދަތި ވަސީލަތްތައް މަދު އިމާރާތެއްކަމަށެވެ. އަދި މި ދައުރު ހަވާލުވިއިރު އިދާރީ ގޮތުން ހިންގަން ތިބީ އެންމެ 4 މުވައްޒަފުންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކައުންސިލްގެ މަސައްކަތްތައް ކުރުމަށްވެސް ޖާގަ ކުޑަވުމުން އުނދަގޫތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. އައު އިމާރާތާއެކު ކައުންސިލްގެ މަސައްކަތްތައް ކުރުމަށް ފަސޭހަވެ މުވައްޒަފުންގެ ދަތިކަން ހައްލުވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައު އިމާރާތާއެކު ކުރިން ދިމާވި ދަތިތަކަށް އެދެވޭ ހައްލު ލިބި، ރައްޔިތުންނާއި ގާތުން މިހާރަށްވުރެވެސް ފުރިހަމައަށް ޚިދުމަތް ދެވޭނެކަމަށް އަސްލަމް ވިދާޅުވިއެވެ.

" އައު އިމާރާތަށް ބަދަލުވުމުން މަސައްކަތްތައް ޑަބަލް ފަސޭހަ ވެގެން ދާނެ. މުވައްޒަފުންގެ ދަތިކަންވެސް ހައްލުވާނެ. އެހެންވީމަ ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކައުންސިލްގެ މަސައްކަތްތަކަށް" ނޫމަރާ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

ނޫމަރާ ކައުންސިލްގެ އައު އިމާރާތުގެ ކުރެހުމާއި ޑިޒައިން ކޮށްފައިވަނީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ފަސޭހަ މާހައުލެއް ލިބިގެންދާނެ ގޮތަކަށްކަމަަށް ލޯކަލް ގަވަރމަންޓު އޮތޯރިޓީން ވިދާޅުވިއެވެ. އެގޮތުން، މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ. އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބު ރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ވަކިވަކި ކެބިން ޚާއްސަ ކުރެވިފައިވެއެވެ.

މީގެއިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޚާއްސަ މާލަމަކާއި، ސްޓޯރ ރޫމަކާއި، ނަމާދު ކޮޓަރިއަކާއި، ސައިކޮޓަރިއެއްގެ އިތުރުން އަންހެން އަދި ފިރިހެން ބޭފުޅުންނަށް ޚާއްސަ ފާޚާނާ މިއިމާރާތުގައި ހިމެނިފައިވާނެއެވެ.

މިއީ 3.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.