ޚަބަރު

ޗައިނާ ކުންފުންޏަކުން ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދައިފި


  • މިއީ އެ ކުންފުނިން އުފެއްދި ފުރަތަމަ ސާމްޕަލް ބެޗް

  • މިކަމަށް މަގުފަހިވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން

ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަހުން ޗައިނާގެ ކުންފުންޏަކުން ދަޅުމަސް އުފައްދައިފިއެވެ. މިއީ އެ ކުންފުނިން އުފެއްދި ފުރަތަމަ ސާމްޕަލް ބެޗެވެ.

ރާއްޖޭގެ ކަނޑުމަހުން މަސްދަޅު އުފައްދާފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެންނެވެ.

އެ ކުންފުނިން އުފެއްދި ދަޅު މަސް ވަނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް އަރުވާފައެވެ. މިކަމަށްޓަކައި ޗައިނާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

މިކަމާއި ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި މަސައްކަތަކީ ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދިޔަ މަގެއްކަމަށެވެ. މި އެއްބަސްވުމާއިއެކު ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ވަނީ ސުންރޭޓަށް ދަށްވެފައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފްވެގެންދިއުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެޅުއްވެވި ހަރުދަނާ ފިޔަވަޅެއްކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް އިތުރު އައު މާކެޓްތައް ހުޅުވި ރާއްޖޭގެ މަހުގެ އަގު އުފުލި ޑިމާންޑް އިތުރުވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަންފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކަކަށް މަގު ފަހިވެގެންދާނެ އެއްބަސްވުމަކަމަށް ވާނެކަމަށް އެއިރުވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސީފުޑްގެ 296 ބާވަތެއް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓްކުރެވޭނެއެވެ. އަދި ސީފުޑްގެ ބާވަތްތައް ރާއްޖެ ގެނެސް ޑަބްލިއުޓީއޯގެ މިންގަނޑަށް ފެތޭގޮތައް އަގުއެއްކޮށް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުވެސް ދިވެހި ވިޔަފާރިތަކަށް ލިބޭނެއެވެ.