މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، އަންނަ ސެޕްޓެންބަރު މަހު ބާއްވާގޮތައް ހަމަޖައްސައިފިއެވެ. މިއީ މި އެވޯޑް ބާއްވާ 9 ވަނަ އަހަރެވެ.
ސާޓާ އެވޯޑު މިއަހަރު އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުގެ 19 އިން 20 އަށް ސްރީލަންކާގައެވެ. ސާޓާ އެވޯޑް އިންތިޒާމްކުރާ ފަރާތުން ބުނެފައިވަނީ މިއަހަރުގެ ސާޓާ އެވޯޑުގައި ސައުތު އޭޝިއާ ސަރަހައްދުގެ 6 ޤައުމަކުން ވާދަކުރާނެކަމަށެވެ. މީގެތެރޭގައި ރާއްޖެ ހިމެނެއެވެ.
މިއަހަރުގެ އެވޯޑަށް 500 އަށްވުރެ ގިނަ ނޮމިނޭޝަންސް ވަނީ ލިބިފައެވެ. މިއަހަރުގެ ސާޓާ އެވޯޑުވަނީ ސައުތު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 18 އޮގަނައިޒޭޝަނަކުން އެންޑޯޒްކޮށްފައެވެ. އޭގެތެރޭގައި ސްރީލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯ ހިމެނެއެވެ.
ސާޓާ އެވޯޑު އިފްތިތާހްކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. ސާޓާ އެވޯޑު ދިނުމުގެ މަޤްޞަދަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު ވަޒަންކުރުމެވެ.
މި އެވޯޑު ދިނުމުގެ ޙަރަކާތް ކޮންމެ އަހަރަކު ވެސް ކުރިއަށް ދާއިރު، ދެކުނުގެ އޭޝިއާގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިވެއެވެ. މީގެ ކުރިން ބޭއްވި ސާޓާ އެވޯޑުތަކުގައި ރާއްޖެއިން ވަނީ ރަން ވަނަތަކެއް ހޯދައިފައެވެ.