ކުޅިވަރު

ޖޮޓާ މަރުވުމުން މުޅި ލިވަޕޫލް ހިތާމައިގައި، ދިދަ ބައި ދަނޑީގައި


ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ މަރުވުމުން އެ ކުލަބާއި ދުނިޔޭގެ ފުޓްބޯޅަ އާއިލާއިން ހިތާމަ ފާޅުކުރަން ފަށައިފިއެވެ. ކުލަބުގެ މައި އޮފީހުގައިވާ އެ ކުލަބު ދިދަ ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.

މިކަމާ ގުޅިގެން ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ވަނީ ޗުއްޓީ ކުރުކޮށްލާފައެވެ. ޑިފެންޑަރު އެންޑީ ރޮބަޓްސަން ބުނީ ޖޮޓާއަށް އޭނާ މުޚާތަބުކުރަނީވެސް "މައި ބަޑީ" ގެ ނަމުން ކަމަށެވެ. އޭނާގެ ކުރީގެ ކޯޗު ޔާގެން ކްލޮޕްވެސް ބުނީ މިއީ ހިތްދަތިކަން އިހުސާސް ކުރެވުނު ވަގުތެއް ކަމަށާއި ޖޮޓާ އަކީ ހަމައެކަނި ރަނގަޅު ކުޅުންތެރިއެއް ނޫން ކަމަށެވެ.

"އޭނާ އަކީ ހަމައެކަނި ވަރަށް ރަނގަޅު ކުޅުންތެރިއެއް ނޫން. އަދި ރަނގަޅު ރަހުމަތްތެރިއެއް އެކަންޏެއްނޫން. އޭނާ އަކީ ވަރަށް އާއިލާ މީހެއް. ވަރަށް ރަނގަޅު ފިރިއެއް. ވަރަށް ރަނގަޅު ބައްޕައެއް. އޭނާގެ މަރުވި ހަބަރަކީ އަހަރެންނަށް ހިތާމަވެރިކަން އިހުސާސް ކުރެވުނު ވަގުތެއް،" ކްލޮޕް ބުންޏެވެ.

ޖޮޓާގެ އެޖެންޓް ޖޯޖް މެންޑޭޒްވެސް ވަނީ 28 އަހަރުގެ ފޯވާޑަށް ތައުރީފް ކޮށްފައެވެ.

"އޭނާ އަކީ އެންމެނަށް ވެސް ވަރަށް ރަނގަޅު މިސާލެއް. ވަރަށް ހެޔޮ މީހެއް. ވަރަށް ރަނގަޅު ފިރިއެއް. ވަރަށް ރަނގަޅު ބައްޕައެއް. ވަރަށް ރަނގަޅު ދަރިއެއް. އޭނާ އަކީ އެހެން މީހުންނަށް މިސާލެއް. އަހަރެންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ އޭނާ ނެތްކަން. އަހަރެން މިހުރީ ވަރަށް ދެރަވެފައި،" މެންޑޭޒް ބުންޏެވެ.

ޖޮޓާ މަރުވިއިރު މެންޑޭޒް ހުރީ ސްޕޭނުގަ އެވެ. ނަމަވެސް އޭނާ ވަނީ މިހާރު ޖަނާޒާގައި ބައިވެރިވުމަށް ޕޯޗުގަލްއަށް ގޮސް ޖޮޓާގެ މަންމައާވެސް ބައްދަލުކޮށްފައެވެ.

ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނީ ޖޮޓާ އަކީ އަބަދުވެސް ޓީމުގެ އުނދަގޫ ވަގުތުގައި ކުޅުންތެރިން ހަމައަށް އަޅުވައިދޭ މީހެއް ކަމަށެވެ.

"އޭނާ އަކީ ވަރަށް ޓީމް ޕްލޭޔަރެއް. މޮޅުވާން އަބަދުވެސް އެންމެނަށް ހިތްވަރު ދޭނެ. ވަރަށް މަޖާ ވެސް މީހެއް އޭނާ އަކީ. އެންމެނާ ވެސް ގުޅޭނެ. އޭނާ ނަތުމަކީ ވަރަށް ބޮޑު އުނިކަމެއް،" ވެންޑައިކް ބުންޏެވެ.

ޖޮޓާ މަރުވީ ކާރު އެކްސިޑެންޓެއްގައި ކާރުގައި ރޯވެ އެނދުމުންނެވެ. އެއީ ޕޯޗުގަލް ބޯޑަރު ހުރަސްކޮށް ސްޕޭނަށް އެތެރެވަ ބާރު ސްޕީޑުގައި ކާރު ދުއްވަނިކޮށެވެ.