ކަޅުތުއްކަލާކޮއްޓާ ޖެހިގެން އޮންނަ ދަނޑުގައި އަޅާފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިމާރާތުގެ ތިރީބުރި ގުދަންތަކުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށާއި، އެތަންތަނުން ލިބެނީ އެންމެ ތިން ލައްކަ ރުފިޔާ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހުމަދު މުއިއްޒު ވިދާޅުވީ ކޮންމެ މަހަކު ތިން ލައްކަ ރުފިޔާ ޖަމާވި ނަމަވެސް އެ ހުރިހާ ތަނެއް ކުއްޔަށް ދޫކޮށްފައިވަނީ ކޮން ބަޔަކަށް އެނގެން ނެތް ކަމަށެވެ.
"މިހާތަނަށް ހޯދި ހޯދުންތަކުން އެ ތަންތަން ދީފައިވަނީ ކޮން ބަޔަކަށް ކަމެއް ނޭނގެ. ކުއްޔަށް ދީފައިވާ ކަމެއް ވެސް ޔަގީނެއް ނޫން. އެކަމަކު ކުލީގެ ގޮތުގައި ލިބޭ ތިން ލައްކަ ރުފިޔާ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ތަފްސީލު ކޮށްދެމުން ވިދާޅުވީ ކުލި ލިބެނީ އެންމެ ފަރާތަކުން ކަމަށެވެ. ނަމަވެސް އެ ފަރާތުގެ ނަމެއް ވިދާޅެއް ނުވެ އެވެ.
ކަޅުތުއްކަލާ ކޮށި ކައިރީގައި ހަދާފައިވާ އިމާރާތަކީ މިފްކޯ މަސް ފިހާރަ ކައިރީގައި ހުރި އެފްއޭއެމުގެ އޮފީސް އިމާރާތް ތަޅާލައި އެތަން 20 ބުރި އަށް އިމާރާތް ކުރަން ކަމަށް ބުނެ ވަގުތީ ގޮތުން އެފްއޭއެމް ބަދަލު ކުރުމަށް އިމާރާތް ކުރި ތިން ބުރީގެ އިމާރާތެކެވެ. ނަމަވެސް މި ޕްރޮޖެކްޓް ވަނީ ކުރިއަށް ނުގޮސް ހުއްޓިފަ އެވެ.
މުއިއްޒު ވިދާޅުވީ އިމާރާތުގެ މަތީ ބުރިތައް ވެސް މިހާރު ގުދަނުގެ ގޮތުގައި އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާއިރު އެއްވެސް އެގްރީމަންޓެއް ފެންނަން ނެތް ކަމަށެވެ. އަދި ކުރެވުނު މަސައްކަތުން އެތަންތަން ކުއްޔަށް ދީފައިވާކަން އެނގެނީ އެކި ފަރާތްތަކުން އެކިއެކި އިދާރާތަކަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުން ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ އެ އިމާރާތް އަޅާފައިވާ ބިމުގެ އެހެން ބައިތަކުގައި ވެސް ތަފާތު ގްރޫޕްތަކުން އެކިއެކި މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެކަންކަމުގެ ތަފްސީލެއް ހޯދިފައިނުވާ ކަމަށެވެ.
ހުސްވި އަހަރުގެ ޖޫން މަހު ފީފާއިން އެފްއޭއެމް ނޯމަލައިޒް ކުރީ ކޮރަޕްޝަނާއި އިދާރީ ހިންގުން ގޯސްވެ، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑް ކުރުމަށް ފަހު އެވެ. އަދި މިހާރު ނިންމާފައިވަނީ މި މަހުގެ 26ގައި ބާއްވާ އިންތިހާބުގައި ބައްސާމަށް ވާދަ ނުކުރެވޭ ގޮތަށެވެ. އެއީ އޭނާ އަށް ފީފާއިން ފިޔަވަޅު އަޅައި މައްސަލަތަކެއް ބަލަމުންދާތީ އެވެ.