ޚަބަރު

ގެސްޓު ހައުސް ވިޔަފާރިތައް ކުރިއެރުވޭނެ ގޮތްތަކަށް އަމާޒުކޮށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް


  • މިއީ އެމްއެމްޕީއާރުސީއާއި ބުކިންގ.ކޮމްއާއި ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕެއް

  • މިވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ގެސްޓްހައުސްތަކުގެ ވިޒިބިލިޓީ އިތުރުކުރުން

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މިއީ އެމްއެމްޕީއާރުސީއާއި ދުނިޔޭގެ ނަން މަޝްހޫރު ޑިޖިޓަލް ޓްރެވަލް ޕްލެޓްފޯމެއް ކަމަށްވާ ބުކިންގ.ކޮމްއާއި ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި މި މަސައްކަތު ބައްދަލުވުމަކީ އެމްއެމްޕީއާރުސީއާއި ބުކިންގ.ކޮމްއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންގޮސްފައިވާ ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ގެސްޓްހައުސްތަކުގެ ވިޒިބިލިޓީ އިތުރުކޮށް، އޮންލައިން ޕްރެޒެންސް ހަރުދަނާކޮށް، އެންމެ ފަހުން ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ބުކިން.ކޮމް ޕްލެޓްފޯމް މެދުވެރިކޮށް އިތުރު ވިޔަފާރިތައް އުފެއްދުން ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ، އިންޓަރެކްޓިވް ސެޝަންތަކެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ބައިވެރިންނަށް އެފަރާތްތަކުގެ ޕްރޮޕަޓީ ލިސްޓިންތައް އޮޕްޓިމައިޒްކުރުމާއި، އެންމެ ރަނގަޅު ޕާފޯމަންސް ހޯދުމަށް ބޭނުންވާ ހަރުދަނާ ސްޓްރެޓެޖީތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ.

މީގެ އިތުރުން، އޮންލައިން ވިޒިބިލިޓީ އާއި އާމްދަނީ އިތުރުކުރުމަށް މުހިންމު އިންޑަސްޓްރީގެ އެންމެ ފަހުގެ ޓްރެންޑްތަކާއި އެޑްވާންސް ޓޫލްސްތަކާ ބެހޭ މައުލޫމާތުވެސް ހިއްސާކޮށްފައިވާކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއްވައެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިތަކުގެ ޑިޖިޓަލް މާކެޓިން ހުނަރު އިތުރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދީ، ބުކިންތައް އިތުރުކޮށް، މި ދާއިރާ އިތުރަށް ކުރިއެރުވޭނެކަމަށެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި ރާއްޖެ އިސްތިހާރުކުރުމަށް ބުކިންގ.ކޮމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ ދަށުން މިދިޔަ މާރިޗު މަހުހެ ފުރަތަމަ ދުވަހުން ފެށިގެން 2027ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި، ހިތްގައިމު ސަގާފަތާއި ތަފާތު ތަޖުރިބާތައް ދައްކުވައިދީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، މިހާރު އެމްއެމްޕީއާރުސީއިން ދަނީ ބުކިންގ.ކޮމްއާއެކު ޖޮއިންޓް މާކެޓިންގ ކެމްޕޭންތަކެއްވެސް ހިންގަމުންނެވެ.

ހަމަމިއާއެކު، ބުކިންގ.ކޮމްއާއެކު ތަފާތު އެތައް ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެމްއެމްޕީއާރުސީއިން ދަނީ ރާވަމުންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އެމްއެމްޕީއާރުސީގެ މުވައްޒަފުންނަށްވެސް ސަޕްލައި ޗެއިން އޮޕްޓިމައިޒޭޝަން ތަމްރީނު ދިނުމާއި، އެމްއެމްޕީއާރުސީގެ މާކެޓިންގ ކެމްޕެއިންތަކަށް ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.