ޚަބަރު

ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް 750 ޑޮލަރު ބޭނުން ކުރެވޭނެ: ބީއެމްއެލް


  • ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ފޮރިން ލިމިޓް ޕޯޓަލްގައި ރެޖިސްޓްރީ ކުރަންޖެހޭ

  • ކިޔަވާ ކުދިންނަށް އުސޫލަށް ގެނައި އެއްވެސް ބަދަލެއްގެ އަސަރެއް ނުކުރާނެ

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޕޯޓަލްގައި ރެޖިސްޓަރކޮށްގެން 750 ޑޮލަރާއި ހަމައަށް އޭޓީއެމްއިން ފައިސާ ނެގޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން މިމަހުގެ 1 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާ އުސޫލުގެ ދަށުން ރާއްޖެއިން ބޭރުގައި ކުރެވޭ މުޢާމަލާތްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މީގެ ތެރެއިން އެއް ބަދަލަކީ ރާއްޖެއިން ބޭރުގައި ދިވެހި ރުފިޔާ ކާޑުތައް މެދުވެރިކޮށް އޭޓީއެމްއިން ނެގޭ މިންވަރު 125 ޑޮލަރަށް ދަށް ކުރުމެވެ. އަދި މީގެ ކޮންމެ މުޢާމަލާތަކަށް 10 ޑޮލަރު ނެގުމަށް ވަނީ ނިންމާފައެވެ. ބީއެމްއެލްއިން ވިދާޅުވީ މި ބަދަލު ގެނައި ނަމަވެސް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މިހާރެކޭ އެއްގޮތަށް 750 ޑޮލަރު ލިބޭނެ ކަމަށެވެ.

އުސޫލަށް ގެނައި ބަދަލުގެ ތަފްސީލުތައް ހާމަކުރައްވާ ބޭންކުން ވިދާޅުވީ، މިހާރު 750 ޑޮލަރުގެ ލިމިޓް ބޭނުންވާ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ދިވެހިންނަށް، ބީއެމްއެލްގެ ފޮރިން ލިމިޓް ޕޯޓަލްގައި ރެޖިސްޓަރ ކުރަވޭނެ ކަމަށެވެ. އެގޮތުން ދިވެހި އެ ފަރާތްތަކަށް 750 ޑޮލަރާއި ހަމައަށް، ކާޑުތަކުން ފައިސާ ނެގުމާއި އަދި ޕީއޯއެސްތައް މެދުވެރިކޮށް މުޢާމަލާތް ކުރެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.


މީގެ އިތުރުން ކިޔަވާ ދަރިވަރުންނަށް ހަމަޖައްސައި ދީފައިވާ 1200 ޑޮލަރުގެ ލިމިޓަށް ކުރިއެކޭ އެއްގޮތަށް އެއްވެސް ބަދަލެއް ނައިސް ފައިސާ ނެގޭނެ ކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވިއެވެ. މިގޮތުން އައު އުސޫލުގެ ދަށުން ނަގާ ފީ ވެސް ކިޔަވާ ކުދިންނަށް ނުނަގާނެ ކަމަށް ބޭންކުން ވަނީ ހާމަކުރައްވާފައެވެ. ކިޔަވާ ކުދިންނަށް ދޭ 1200 ޑޮލަރުގެ ލިމިޓަށް ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ. އަދި ބޭރުގައި އިންޓާންޝިޕް ހަދާ ދަރިވަރުންނަށްވެސް މި ލިމިޓް މިގޮތަށް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

ބޭންކުން ޢަމަލުކުރަން ފެށި އޫސުލުގެ ތެރެއިން ދިވެހި ރުފިޔާގެ ޑިބިޓް ކާޑު ލިމިޓުވެސް ވަނީ ބޮޑުކޮށްދީފައެވެ. އެގޮތުން 500 ޑޮލަަރަށް ލިމިޓް ބޮޑުކޮށްފައިވާއިރު، އާންމުކޮށް ދިވެހި ވިޔަފާރި ކުރާ ބައެއް ސައިޓުތަކުން 30 އިންސައްތައާއި ހަމައަށް ފީ އެއް ނެގުމަށް ބޭންކުން ވަނީ ނިންމާފައެވެ. ނަމަވެސް މި ފީ ނަގަނީ ދިވެހި ރުފިޔާ ޑެބިޓް ކާޑުން އެކަނި ކަމަށާއި އެހެން ހުރިހާ ކާޑެއްގައި އެއްވެސް އިތުރު ފީ އަކާއި ނުލާ ކަނޑައަޅިފައިވާ މިންވަރަށް ބޭނުން ކުރެވޭނެ ކަމަށް ބޭންކުން ވަނީ ހާމަކުރައްވާފައެވެ.

ބީއެމްއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް 45 މިލިޔަން ޑޮލަރު އެކި ވިޔަފާރި ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވައެވެ. މީގެ ތެރެއިން %75 ދަނީ އެކި ވެބްސައިޓުތައް މެދުވެރިކޮށް ވިޔަފާރިކުރުމަށް ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އެގޮތުން ދާދި ފަހުން ދިވެހިން މެދުގައި މަޤްބޫލްވި ޓެމޫއަށް އެކަނިވެސް މަހަކު 7 މިލިޔަން ޑޮލަރު ބޭރުކުރެވޭ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

ބޭރުފައިސާގެ ތާށިކަމާއެކު ރާއްޖޭގެ އަސާސީ ބޭނުންތަކަށް ބޭރު ފައިސާ ހިފެހެއްޓުން މިހާރު ވަނީ މުހިންމު ވެފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާން ލިބޭ ބޭރުފައިސާގެ ބައެއް ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރުފައިސާގެ ޤާނޫނެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ.