ޚަބަރު

ހަނގުރާމައާއި ހެދި 17 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕް ފަސްކޮށްފި


ޖޫން 1-11 އަށް އުރުދުންގެ ވެރިރަށް އައްމާންގައި ބާއްވަން އުޅުނު 17 އަހަރުން ދަށުގެ މެންސް އޭޝިއަން ޗެމްޕިއަންޝިޕް ފަސްކޮށްފިއެވެ.

އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނުން މި މުބާރާތް ފަސްކުރީ މެދުއިރުމަތީ ސަރަހައްދުގެ ހާލަތު ހުރި ގޮތުން ކުޅުންތެރިންނާއި ޑެލިގޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަށްފަހުއެވެ.

އުރުދުންގައި މުބާރާތްބޭއްވޭގޮތް ނުވީ އިސްރާއީލާއި އިރާނާދެމެދު ފެށުނު ހަނގުރާމައާއި ގުޅިގެން އުރުދުން ސަރަހައްދުގެ އަމާންކަން ގެއްލިފައިވާތީއެވެ.

އެހެންނަަމަވެސް މި މުބާރާތް ފަސްކުރީ ކޮންތާރީހަކަށްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ކުޅުންތެރިންގެ ސަލާމަތަށްޓަކައި މި މުބާރާތް ފަސްކުރިއިރު ދެން މުބާރާތް ބާއްވާނެ ތާރީހަކާއި މެދު ޖޯޑަން ހޭންޑްބޯލް ފެޑެރޭޝަނާއި ކަމާއިގުޅޭ އިދާރާތަކުން މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމުމަށްވަނީ ކަނޑައަޅާފައެވެ.

‎މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕްޑީގައެވެ. މި ގުރޫފްގައި ދެން ހިމެނެނީ ކޮރެއާ، އީރާން އަދި އުޒްބަކިސްތާނެވެ.

‏‎އޭޝިއާގެ ޤައުމުތަކަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް 17 އަހަރުން ދަށުގެ ފިރިހެންކުދިންގެ މެދުގައި ބާއްވަން ނިންމި ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމުން ވަނީ ހުޅުމާލޭގައި ފަރިތަކުރުންތައް ބާއްވާފައެވެ.

‏‎ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދަން ނިންމި މި މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ކުވެއިތު، ބަހްރެއިން އަދި ހޮންގކޮންގއެވެ. ގްރޫޕް ބީގައި ހިމެނެނީ ސައުދީ އަރަބިއްޔާ، ޤަތަރު އަދި ޗައިނާއެވެ. ގްރޫޕް ސީގައި ހިމެނެނީ އުރުދުން، ޗައިނީސް ތައިޕޭ އަދި އިންޑިއާއެވެ.