ޚަބަރު

ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މަޝްވަރާތަކެއް


  • މިއީ އޭޑީބީގެ ޓެކްނިކަލް އެސިސްޓެންސްގެ ތެރެއިން ކުރިއަށްގެންދާ ބައްދަލުވުންތަކެއް

  • މި ބައްދަލުވުން އޮންނާނީ ޖުލައި މަހުގެ 1އިން 6އަށް

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ތަރައްޤީކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފަންނުވެރި އަދި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް ޚާއްސަ މަސައްކަތު ބައްދަލުވުންތަކެއް ފަށައިފިއެވެ.

މީއީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު، އޭޑީބީގެ ޓެކްނިކަލް އެސިސްޓެންސްގެ ތެރެއިން، ޔޫއެންޑީޕީ އާއި ބްރިޓިޝްކައުންސިލްގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ ބައްދަލުވުންތަކެކެވެ.

މި ހިންގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ ވުޒާރާތަކާއި، ކަމާގުޅޭ އިދާރާތަކާއި، ރާއްޖޭގެ ކްރިއޭޓިވް ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަންތީގެ ވިޔަފާރިތަކުގެ އިތުރުން، ރިސޯޓުތަކާއި، ބައިނަލްއަޤުވާމީ ތަޖުރިބާކާރުން ބައިވެރިވިއެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ނައިބު ޑރ. އާއިޝަތު ޝަހުދާ އަބްދުﷲ ވިދާޅުވީ، މި މަސައްކަތު ބައްދަލުވުންތަކުގެ މައިގަނޑު މަޤުސަދަކީ 'ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2024 – 2028' ގެ ތެރެއިން، ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ މަގު ތަނަވަސްކޮށްދިނުންކަމަށެވެ.

ޝަހުދާ ވިދާޅުވީ، މި ބައްދަލުވުންތަކުގައި ދިވެހި އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއި، ކަމާގުޅުންހުރި ހުރިހާ ފަރާތްތަށް ގުޅިގެން މަސައްކަތް ކުރާނެ މަގުތައް ދެނެގަނެ، އެކަންކަން ހާސިލްކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެކަމަށެވެ.

މީގެ އިތުރުން، މި ސެޝަންތަކުގައި އުފެއްދުންތެރި އިޤްތިޞާދުގެ އެކި ދާއިރާތަކުގެ ތަޖުރިބާއާއި ތަޞައްވުރު ހިއްސާކޮށް، ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެކަމަށް ޝަހުދާ ފާހަގަކުރެއްވިއެވެ.

"ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ހިދުމަތާއި ތަކެތި އުފެއްދުމާއި، ވިޔަފާރީގެ މުއާމަލަތްތައް ހިންގުމުގައި، ދެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަންފާ އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެ. އަދި މި ބައްދަލުވުންތަކުގެ ތެރެއިން، ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ކުރިމަގު ބައްޓަންކުރާނެގޮތްތަކަށް ވަރަށް ބޮޑަށް ފޯކަސްކުރެވިގެންދާނެ" އިޤްތިޞާދާ ބެހޭ ވުޒާރާގެ ނައިބު ޑރ. އާއިޝަތު ޝަހުދާ އަބްދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބައްދަލުވުންތަކުގައި ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ މެދު އަދި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި، ކަމާގުޅޭ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ ލަފާޔާއި މަޝްވަރާ ހޯދާނެކަމަށްވެސް ޝަހުދާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ފަންނުވެރި އަދި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެ ސިނާއަތްތައް އިތުރަށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވުރެކެވެ.

ރައީސްގެ މި ތަޞައްވުރު ހާސިލްކުރުމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި މަސައްކަތު ބައްދަލުވުންތަކަކީ ސަރުކާރުން އިޤުތިޞާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.