ޚަބަރު

އެހީ ހޯދަންދިޔަ 400 މީހުން ޝަހީދުކޮށްލުމަށްފަހު ޔަހޫދީން ބުނީ މިހާރު ފިލާވަޅު ދަސްވެއްޖެ ކަމަށް


ފަލަސްޠީނުގެ ޣައްޒާގައި އެހީބަހާ މަރުކަޒުތަކުގައި ގިނަ ޢަދަދެއްގެ އާންމުން ޝަހީދުކުރަމުންދާ ކަމަށް ޔަހޫޫދީން އެއްބަސްވެއްޖެއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު، ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީ ފަށާފައިވާ ޢުދުވާން ކުރިއަށްދާތާ ދެ އަހަރާ ގާތްވެފައިވާއިރު މި އަހަރުގެ ކުރީކޮޅު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމުކުރި ޢުދުވާން ހުއްޓަލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލުކުރުން ވަނީ ދުވަސްކޮޅަލަށް މެދުކަނޑާލައިފައެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ، ޔަހޫދީން ވަަނީ އެއްބަސްވުމާ ޚިލާފުވެ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. އަދި ޣައްޒާއަށް އެއްެވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދޭހެން ތިން މަހެއްހާ ދުވަސް ވަންދެން ދަތިކުރިއެވެ. އެއަށްފަހު މެއި މަހުގެ 19ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް މަދު މިންވަރެއްގެ އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުއްދަ ދީފައިވާ ނަމަވެސް އެހީގެ ސާމާނު ބެހުމަށް ބާރުފޯރުވުމުގެ ގޮތުން ޔަހޫދީން އެ މަސައްކަތް ޙަވާލުކޮށްފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރުކަމުގައިވާ އެމެރިކާއާ ގުޅުންހުރި ކުންފުންޏަކަށެވެ.

ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އެހީގެ ސާމާނު ބަހާ މަރުކަޒުތައް ޤާއިމުކޮށް ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފްގެ ނަމުގައި ހިންގާ ކުންފުނިން ދަނީ އެހީގެ ސާމާނު ބަހަމުންނެވެ. ޔަހޫދީންގެ ޢުދުވާނުގައި ޣައްޒާގެ 56،000އަށްވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުވެފައިވާއިރު، މިދިޔަ މެއި މަހުގެ 26ވަނަ ދުވަހު ޣައްޒާގައި ޖީއެޗްއެފުން ޙަރަކާތްތެރިވާން ފެށިފަހުން 400އަށްވުރެ ގިނަ މީހުން ވަނީ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޝަހީދުކޮށްލައިފައެވެ.

އެހީބަހާ މަރުކަޒުތައް ހުންނަ ސަރަޙައްދުތަކުން ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝަހީދުކުަމުންދާތީ އެ ކަން ބެލުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ދަނީ ޖީއެޗްއެފަށާއި ޔަހޫދީންނަށް ގޮަވައިލަމުންނެވެ. އެ ފިއްތުންތަކާ ގުޅިގެން ތަހުޤީޤެއް ކުރުމަށްފަހު ޔަހޫދީ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެހީ ބަހާ މަރުކަޒުތަކަށްދާ ޣައްޒާގެ ރައްޔިތުންނަށް ގެއްލުން ދީފައިވާ ކަމަށާއި އެ ކަމުން މިހާރު ފިލާވަޅު ލިބިގަނެފައިވާ ކަމަށެވެ. އެއާއެކު އެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ޔަހޫދީ ސިފައިންނަށް އައު އިރުޝާދުތައް ދީފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޔަހޫދީންނާއި އެމެރިކާއިން ބޭނުން ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ މަސައްކަތުގައި އދން ޖީއެޗްއެފާއެކު ބައިވެރިވުމަށެވެ. ނަމަވެސް އދން ވަނީ އެ ކަމަށް ދެކޮޅު ހަދާފައެވެ. ޖީއެޗްއެފަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ކަމަށް އދން ޤަބޫލެއް ނުކުރެއެވެ. އދން ވަނީ ޖީއެޗްްއެފުން އެހީގެ ސާމާނު ބަހާ ނިޒާމަކީ އެހީގެ ސާމާނު ހަނގުރާމައިގެ ހަތިޔާރަށް ހަދައި، ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވާ ނިޒާމެއް ކަމަށް ތުހުމަތު ކޮށްފައެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ, އުންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރިނީ ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް މިހާރު ބޭނުންކުރާ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ހަފްތާގެ ތެރޭގައި އދގެ ސެކެޓްރީ ޖެެނެރަލް އެންތޯނިޔޯ ގުތޭޚޭޝް ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް މިހާރު ގެންގުޅޭ ނިޒާމަކީ ރައްކާތެރި ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމުގެ ދަށުން އެތައް ބަޔަކު ޝަހީދުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގޮތްހުސްވެފައިވާ ބަޔަކު އަސްކަރީ ބާރުތަކުން ޙަަރަކާތްތެރިވާ ސަރަޙައްދުތަކަކަށް އެއްކޮށް ޖަމާކުރާ އެއްވެސް ޙަރަކާތަކީ އޭގެ ޒާތުގައި ރައްކާތެރި ޙަރަކާތެއް ނޫން ކަމަށާއި އެ ޙަރަކާތުގެ ސަބަބުން މީހުން މަރުވަމުންދާ ކަމަށެވެ.