ޚަބަރު

ތިލަމާލެ ބްރިޖް: ޕައިލިންގެ މަސައްކަތް އެއްކޮށް ނިމި، ބްރިޖްގެ %60 މަސައްކަތް ނިމިއްޖެ


  • ޖުމްލަ 263 ޕައިލް އެއްގަމާއި ކަނޑުގައި ފައްތާފައިވޭ

  • މިއީ ބްރިޖްގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް

ތިލަމާލޭ ބްރިޖްގެ ޕައިލިންގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިމިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މިއީ ބްރިޖްގެ މުޅި މަސައްކަތަށް ބަލާއިރުވެސް އެންމެ ގޮންޖެހުން ބޮޑު މަސައްކަތްކަމުގައެވެ.

ތިލަމާލޭ ބްރިޖަކީ މާލެ ސަރަޙައްދުގައި ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ. މިމަޝްރޫޢުގެ އެންމެ ފަހުގެ ތަފްސީލު ހިއްސާކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ބްރިޖްގެ ޕައިލިންގ މަސައްކަތް ކާމިޔާބުކަމާއެކު ނިމިފައިވާކަމަށެވެ. އަދި މިއީ މުޅި ބްރިޖް މަޝްރޫޢަށް ބަލާއިރުވެސް އެންމެ ގޮންޖެހުން ބޮޑު މަސައްކަތްކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ޕައިލިންގެ ދަށުން އެއްގަމާއި ކަނޑުގައި ޖުމްލަ 263 ހޮޅި ފައްތާފައިވާކަމަށެވެ.

މިމަސައްކަތްތަކާއެކު މުޅި ބްރިޖް މަޝްރޫޢުގެ، 60.84 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅައިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މަސައްކަތް މިހާރު އޮތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުންވަނީ އެކިފަހަރުމަތިން އިންޑިއާގެ އިސްފަރާތްތަކާއެކުވަނީ މަޝްވަރާ ކުރައްވާފައެވެ.

ހަތަރު ސަރަޙައްދެއް ގުޅުވާލައި، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖުގެ އިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.

މި މަޝްރޫއުގެ ޓައިމް ލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 އަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.