ކުޅިވަރު

ޓާ ސްޓެގަން އަތުން ބާސެލޯނާގެ ކެޕްޓަންކަން އަތުލަނީ


ކުލަބު ދޫކޮށްދާން ބޭނުންނުވެފައި ހުރި ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަން އަތުން ބާސެލޯނާގެ ކެޕްޓަން ބޭންޑް އަތުލަން އެ ކުލަބުން މަޝްވަރާކޮށްފިއެވެ.

މިއީ 33 އަހަރުގެ ކީޕަރު ބާސެލޯނާ ދޫކޮށްދާން ބާރު އެޅުމުގެ ހަރަކާތެއް ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެއެވެ. ބާސެލޯނާއިން މިހާރު ބޭނުންވަނީ ފާއިތުވެދިޔަ 10 އަހަރު އެ ކުލަބަށް ކުޅުނު ކީޕަރު އަންނަ ސީޒަން ފެށުމުގެ ކުރިން އެހެން ކުލަބަކަށް ބަދަލުވުމަށެވެ. ސަބަބަކީ އަންނަ ސީޒަނުގައި ބާސެލޯނާގެ އެއްވަނަ ކީޕަރުކަން އެ ކުލަބަށް އަލަށް ގެނައި ސްޕޭނުގެ ކީޕަރު ޖޯން ގާސިއާ އަށް ދޭން ނިންމާފައިވުމެވެ.

ނަމަވެސް ޓާސްޓެގަން ހުރީ ކުލަބު ދޫކޮށްދާ ގޮތަކަށް ނޫނެވެ. އޭނާ ބޭނުންވަނީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުގައި ކުޅޭ ޖަރުމަނުގެ ގައުމީ ކީޕަރުކަން ކުރުމަށްޓަކައި ބާސެލޯނާގެ ކީޕަރުކަން ކުރުމަށެވެ. ނަމަވެސް ބާސެލޯނާއިން އޭނާ ފޮނުވާލަން ބޭނުންވަނީ ތިން ސަބަބަކާ ހުރެ އެވެ. އެއީ އޭނާ ވިއްކާލައިފިނަމަ މުސާރަ ޝީޓުން ބޮޑު ޖާގަ އެއް ސަލާމަތްވާނެތީ އެވެ. ދެ ވަނަ ކަމަކީ ގާތްގާތުގައި ބޮޑެތި އަނިޔާތައްވެ ޓާސްޓެގަން އަށް ކުރީގެ މޮޅު ކުޅުން ދެއްކި ދާނެ ކަމަށް ބާސެލޯނާއިން ގަބޫލު ނުކުރާތީ އެވެ. ތިން ވަނަ ކަމަކީ ގާސިއާ އަށް ކޮށްފައިވާ އިތުބާރެވެ.

ޓާސްޓެގަން އަށް ބާސެލޯނާގެ ކެޕްޓަންކަން ދިނީ މިދިޔަ ސީޒަނުގަ އެވެ. އޭނާ އަތުން ބޭންޑް އަތުލަން ނިންމަން މަޝްވަރާ ކުރި ނަމަވެސް މި ކަމަށް ފަހު ބަސް ބުނާނީ ކޯޗު ޖަރުމަނުގެ ހަންސީ ފްލިކެވެ. އޭނާ އަތުން ބޭންޑް އަތުލައިފިނަމަ ބާސެލޯނާގެ ކެޕްޓަނަކަށް ވުން އެންމެ ގާތީ މިޑްފީލްޑަރު ފްރެންކީ ޑިޔޮންގެވެ. ވައިސް ކެޕްޓަނުންގެ ގޮތުގައި އެއިރުން ތިބޭނީ ޑިފެންޑަރު ރޮނަލްޑް އަރައުހޯ އާއި ފޯވަޑް ރަފީނިއާ އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ތިން ވަނަ ވައިސް ކެޕްޓަނަކަށް ހަމަޖައްސާނީ ސްޕޭނުގެ ޑިފެންޑަރު އިނިގޯ މާޓިނޭޒް ކަމަށް ވެ އެވެ.

ޓާސްޓެގަން ބާސެލޯނާއިން ދާނަމަ މުސާރައިގެ ޑިމާންޑް ކުރާނެ އެވެ. އެއީ އޭނާގެ ކޮންޓްރެކްޓްގެ ބާކީ ތިން އަހަރުގެ މުސާރަ އެއް ފަހަރާ ދިނުމަށެވެ. ނަމަވެސް މިކަމަށް ބާސެލޯނާއިން ފަސޭހައިން އެއްބަސްނުވެ ޓާސްޓެގަން އަށް ކުލަބުން ދިއުމަށް ދަނީ ޕްރެޝަރު ކުރަމުން ކަމަށް ވެސް ސްޕޭނުގެ މީޑިއާތަކުން ބުނެ އެވެ.

ޓާސްޓެގަން އަށް އިނގިރޭސި ދެ ކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ޝައުގުވެރިވެ އެވެ.