ސިންގަޕޫރަކީ ދިވެހިން ތަރައްޤީ ތަޞައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫ ދެމެދު އޮތް ގުޅުމަށް، އަލިއަޅުވާލައްވާފައެވެ. އެގޮތުން ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރާ މިމުނާސަބު ވަގުތާއި ދިމާކޮށް އެޤައުމަށް ކުރައްވާ މިދަތުރުފުޅާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދު އޮތީ ޒަމާންވީ ބަދަހި ގުޅުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުމުގެ ތާރީޙަށް އަލިއަޅުވާލައްވާ ވިދާޅުވީ ސިޔާސީ ގުޅުން ޤާއިމްވުމުގެ މާކުރިންވެސް ދިވެހި ދަތުރުވެރިންނަށް ސިންގަޕޫރަކީ މުހިންމު މަންޒިލެއް ކަމަށެވެ. އަދި މިވޭތުވެދިޔަ ދިގު މާޒީގައި އެގުޅުންތައް އިތުރަށް ބަދަހިވެ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ސިންގަޕޫރަކީ މުހިއްމު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތުން 2004 ވަނަ އަހަރު ކުރިމަތިވީ ސުނާމީ ކާރިސާއާއި 2014 ވަނަ އަހަރު ކުރިމަވި މާލެ ފެނުގެ ކާރިސާގައި ސިންގަޕޫރުން ދެއްވި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭ ޣާޒީ ސްކޫލަކީވެސް އެ ޤައުމުގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ ތަނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގެ ސިންގަޕޫރަކީ ދިވެހިން ތަރައްޤީއާއި ތަމައްދުން ތަޞައްވުރު ކުރުމުގައި މިސާލު ނަގާ ޤައުމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ޤައުމުން ލިބެން ހުރި ސިއްޙީ އަދި ތަޢުލީމީ ޚިދުމަތްތައް ދިވެހިން ބޭނުންކުރާކަމަށާއި އެކަމުގެ ފައިދާ ހޯދައި މިހާރު ޤައުމަށް ޚިދުމަތްކޮށްދެމުންދާ ޖީލެއް އުފެދިފައިވާ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވިދާޅުވީ، ދެ ޤައުމުން އެއް ޤައުމު އަނެއް ޤައުމުގެ ތަޖުރިބާތައް ބަލައިގަންނަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ފަތުވެރިކަމުގެ ދާއީރާގައި ބައިނަލްއަޤުވާމީގޮތުން ފާހަގަކޮށްލެވޭ ޤައުމެއްކަމަށާއި ސިންގަޕޫރަކީ ވިޔަފާރިއާއި މާލީދާއިރާގައި ކުރިއެރުން ހޯދާފައިވާ ޤައުމެއްކަމުން މިދާއިރާތަކުން ދެޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުންވަނީ ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން ބަދަލުވަމުން އަންނަ ދުނިޔޭގައި ކުދި ޤައުމުތަކަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މިޖާފާތް ފެށުމުގެ ކުރީން ސިންގަޕޫރުގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްވުމާއި ދިމާކޮށް ފަރުމާކޮށްފައިވާ ޙާއްސަ ސްޓޭމްޕެއް އިފްތިތާޙްކޮށްދެއްވާފައެވެ.