ރާއްޖޭގައި ތިބި ދަރުމަވެރިންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއްބަޔަކީ، ލޭ ހަދިޔާކުރާ މީހުންނެވެ. ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބައެއް ބިދޭސީންވެސް އަންނަނީ ލޭ ހަދިޔާކޮށް، އެތައް ބައެއްގެ ލޯބި ހޯދަމުންނެވެ. ފާއިތުވި 5 އަހަރުގެ ތެރޭގައި އެންމެ ގިނައިން ލޭ ހަދިޔާކުރި މީހުންގެ ލިސްޓްގައި އިންޑިޔާގެ ދެ ޒުވާނަކުވެސް ހިމެނެއެވެ.
ލޭ ހަދިޔާ ކުރުމަކީ، އިންސާނިއްޔަތަށްޓަކައި، ތިމާގެ އަޚަކަށް ނުވަތަ އުޚުތަކަށް ކުރެވޭ އެންމެ އަގުހުރި އެއް ޞަދަޤާތެވެ. ލޭ ބޭނުންވެގެން އެތައް ބަޔަކު ކޮންމެ ދުވަހުވެސް އާދޭސްކުރެއެވެ. ހޮސްޕިޓަލްތަކުން ލޭ ބޭނުންވެގެން އިޢުލާން ކުރަމުންދާއިރު، ސޯޝަލް މީޑިޔާގެ ވަޞީލާތްތައް މެދުވެރިކޮށްވެސް ލޭ ބޭނުންވާކަމުގެ މެސެޖްތައް ފަތުރަމުން ގެންދެއެވެ.
ދުނިޔޭގެ ނިސްބަތުން ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ޤައުމަކީ ދިވެހިރާއްޖެ ކަމަށްވާއިރު ތެލެސީމިއާ ކުދިންނަކީ، ޢާންމުކޮށް ކޮންމެ މަހަކު އެއްފަހަރަށްވުރެ ގިނަފަހަރު ލޭއަޅަންޖެހޭ ބައެކެވެ. ދަރިމައިވުމުގެ ތެރޭގައި މައިންގެ ގަޔަށް އެޅުމަށްވެސް ލޭ ހޯދައެވެ. އަދި ތަފާތު އެކްސިޑެންޓްތައް ވެގެން ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންނަށްވެސް ލޭ ބޭނުންވެގެން އިޢުލާންކުރެއެވެ.
ރާއްޖޭގައި ލޭ ދިނުމުގައި ޢާންމުކޮށް އުޅެނީ، ދިވެހިން ނަމަވެސް، އިންޑިޔާގެ ދެ ޒުވާނަކު މިވަނީ، ފާއިތުވެދިޔަ ފަސްއަހަރު އެންމެ ގިނައިން ލޭ ހަދިޔާކުރި މީހުންގެ ލިސްޓްގައި ހިމެނިފައެވެ. އެއީ މޯލްޑިވިއަން ބްލަޑް ސަރވިސްގައި ނަރުހުންގެ ވަޒީފާއަދާ ކުރަމުން އަންނަ ވިމިލޭޝް ލަކްޝްމީ ސޯމަން އަދި ސިޗޮންއެވެ.
img:http://s2.psmnews.mv/images/660x400/14700534145881.jpg|އެލިއާއިން ބޭއްވި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން- ފާއިތުވި 5 އަހަރުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން ލޭ ހަދިޔާކުރި މީހުންނަށް ހެލްތް މިނިސްޓްރީން ހަނދާނީ ފިލާ ދިނުން - ފޮޓޯ: ޕީއެސްއެމް
މީގެ ތެރެއިން ވިމިލޭޝް ކިޔައިދިން ގޮތުގައި އޭނާއަކީ، އިންޑިޔާގައި އުޅޭއިރުވެސް ކޮންމެވެސް ވަރަކަށް ލޭ ހަދިޔާކުރި މީހެކެވެ. ނަމަވެސް ރާއްޖެއައިސް، ތެލަސީމިއާ ސެންޓަރުގައި މަސައްކަތް ކުރަން ފެށި ހިސާބުން، ލޭ ހަދިޔާކުރުމަށް ހިތްވަރު ލިބިގެންދިޔަ ކަމަށް އޭނާ ބުންޏެވެ. މަސައްކަތުގެ މާޙައުލުގައި އުޅޭއިރު، ހިތްދަތި އެތައް މަންޒަރުތަކެއް ފެންނަ ކަމަށާއި، އެފަދަ ވަގުތުތަކުގައި ލޭ ދިނުމުގެ ރޫޙް އާލާވާ ކަމަށް އޭނާ ބުންޏެވެ. އަދި ލޭ ހަދިޔާކުރުމަކީ ނަފްސަށް ހިތްހަމަޖެހުން ގެނެސްދޭ ކަމެއް ކަމަށް ވިމިލޭޝް ބުންޏެވެ.
"އަހަރެން އުމުރުން 18އަހަރުގައި ލޭ ދޭން ފެށީ. އުފަން ގައުމުގައި އުޅުނުއިރު، ހަތަރު ފަސް ފަހަރަކު ލޭދިނިން. ނަމަވެސް ޤަވާއިދުން ލޭ ދޭން ފެށުނީ، ރާއްޖެ އައިފަހުން. މިހާރު ކޮންމެތިން މަހަކުން ލޭ ހަދިޔާ ކުރަން. އަހަރެން ގަބުލުކުރާ ގޮތުގައި އިންސާނަކަށްވެހުރެ، ކުރެވޭނެ އެންމެ ބޮޑު ކަމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުން. އަހަރެންމިކުރާ ކަންތަކާމެދު ފަޚްރުވެރިވަން." ވިމިލޭޝް ކިޔައިދިނެވެ.
ވިމިލޭޝްއާ ޚިލާފަށް، ސިޗޮން، ލޭގެ ދުނިޔެއާ ގުޅުނީ ރާއްޖެ އައިފަހުންނެވެ. އިންޑިޔާގެ ކެރެލާއަށް އުފަން މި ޒުވާނާވެސް ބުނީ ލޭ ހަދިޔާކުރުމަކީ ތަފާތު އެތަކެއް އިޙްސާސްތަކެއް ކުރެވޭކަމެއްކަމަށެވެ.
"ލޭ ދޭން ޝައުގުވެރިވީރާއްޖެ ބަދަލުވުމަށްފަހު، މިކަމާ ވަރަށް ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަންޖެހުނު ހިސާބުން. ރާއްޖޭގައި އުޅޭތާ ހަ އަހަރު ވީއިރު، ވޭތުވެދިޔަ ފަސް އަހަރުތެރޭ ވިއްސަކަށް ފަހަރު ލޭ ހަދިޔާކޮށްފިން. އަހަރެމެން ލޭ ހަދިޔާ ކުރާ މީހުންނަކީހީރޯއިން ތަކެއް ކަމަށް އަހަރެން ޤަބޫލުކުރަނީ." ސިޗޮން އޭނާގެ އިހްސާސްތައް ކިޔައިދިނެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސްގައި މަސައްކަތްކުރާ މީހުން ވިމިލޭޝް އާއި ސިޗޮން ސިފަކުރަނީ ބަޠަލުންތަކެއްގެ ގޮތުގައެވެ.
ލޭ ހަދިޔާކުރުމުގެ ދުވަހާ ގުޅުވައިގެން، ނޭޝަނަލް އާރޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަން ބްލަޑް ސަރިވިސްގެ ފަރާތުން ވަނީ އެ ދެމީހުންގެ އަގު ވަޒަންކުރައްވައި އެވޯޑެއް ދެއްވާފައެވެ.
ލޭ ހަދިޔާކުރުމުގެ ރޫޙް އިތުރުކުރެއްވުމަށްޓަކައި ސަރުކާރުން ވަނީ 2020 ތަޞައްވުރެއް ކަނޑައަޅުއްވާފައެވެ. އެއީ ދަރުމައަށް ލޭ ހަދިޔާކުރާ މީހުންގެ ނިސްބަތް ސައްތައިން ސައްތައަށް އިތުރުކުރެއްވުމުމުގެ ތަޞައްވުރެވެ. ރާއްޖޭގައި ޙަރަކާތްތެރިވާ ބިދޭސީންނަށްވެސް މި އަމާޒަށް ވާޞިލްވުމުގައި މުހިންމު ރޯލެއް އަދާކުރެވިދާނެކަން، ވަންޗައާއި ސިވްދަނާންގެ ވާހަކައިގެން އެނގިގެންދެއެވެ.