ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލި ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. މި ސިޔާސަތު އިފްތިތާހްކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
ނޭޝަނަލް މައިގްރެންޓް ހެލްތް ޕޮލިސީ ނުވަތަ ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެމީހުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި އެކުލަވާލާފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްސަދަކީ ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކުރުމެވެ.
ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު ރަސްމީކޮށް އިފްތިތާޙްކުރުމަށް މީރުމާގެ ކާނިމާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ބިދޭސީންގެ ޞިއްޙަތާ ބެހޭ ސިޔާސަތު ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ، މިއީ ޞިއްޙީ ދާއިރާގައި ހުރި ތަފާތުތައް ކުޑަކުރުމާއި، ޚިދުމަތްތައް ފޯރުކޮށްދިނުން ރަނގަޅުކުރުމުގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭކަމެއްކަމަށެވެ.
މައިމޫނާ ވިދާޅުވީ، ބިދޭސީންގެ ޞިއްޙަތާ ގުޅޭ ޤައުމީ ސިޔާސަތު ބިނާވެފައިވަނީ ދިރާސާތަކާއި، ބައިނަލްއަޤްވާމީ ފަރާތްތަކާއިއެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން، ޤައުމީ ފެންވަރުގައި ޞިއްޙީ ދާއިރާއިން އިސްކަންދޭ ކަންތައްތަކުގެ މައްޗަށްކަމަށެވެ. އަދި މި ސިޔާސަތު ތަންފީޒުކުރުމަށް ހުރިހާ އިދާރާތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެކަމަށް މައިމޫނާ ވިދާޅުވިއެވެ.
"މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، ޞިއްޙީ އިދާރާތައް، ލޭބަރ މެނޭޖްމަންޓް، އިމިގްރޭޝަން އަދި އެހެނިހެން އިދާރާތަކުގެ މެދުގައި ދެމެހެއްޓެނިވި އެއްބާރުލުން ބޭނުންވާނެ. މީގެ ތެރޭގައި އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، އަދި އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ސަޤާފީ ގޮތުން އެކަށީގެންވާ ފަރުވާ ދިނުމުގެ ޤާބިލުކަން ލިބިދިނުން ހިމެނޭ" ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން އޭޝިއާގެ ރީޖަނަލް ޑައިރެކްޓަރ ކޭޓޯ ލޮރީ ވިދާޅުވީ، ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު އިފްތިތާޙްކުރެވިގެންދިއުމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތް ވަރަށް ރަނގަޅަށް ހާމަކޮށްދޭ ކަމެއްކަމަށެވެ.
"މި ލިޔުމަކީ ހަމައެކަނި ޞިއްޙީ ސިޔާސަތެއްގެ ގޮތުގައި އޮތް އެއްޗެއް ނޫން. މިއީ ސަރުކާރުން ނެރެފައިވާ ވަރުގަދަ ބަޔާނެއް. މި ބަޔާނުން އެހީތެރިވެދެނީ މީހުންގެ ހިޖުރަކުރުމުގެ ހާލަތަށް ބެލުމެއްނެތި، އެންމެހައި މީހުންގެ ޞިއްޙަތާއި ޤަދަރު ރައްކާތެރިކުރުމަށް." ރީޖަނަލް ޑައިރެކްޓަރ ކޭޓޯ ލޮރީ ވިދާޅުވިއެވެ.
ބިދޭސީންގެ ޞިއްޙަތާ ގުޅޭ ޤައުމީ ސިޔާސަތު އަމާޒުކުރެވިފައިރެވިފައިވަނީ މައިގަނޑު 5 ދާއިރާއަކަށެވެ. އެއީ:
• މުޅި ސަރުކާރާއި މުޅި މުޖުތަމަޢުގެ ނަޒަރިއްޔާތުތައް ބަދަލުކުރުން
• ބިދޭސީންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބިދިނުން
• ސައްޙަ މަޢުލޫމާތު އެއްކުރުމާއި ބޭނުންކުރުން
• ނާޒުކުކަން ކުޑަކުރުން
• ނިޒާމުތައް ޤާއިމުކުރުން
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، ބިދޭސީންގެ ޞިއްޙަތާބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރެވިގެންދިއުމާއެކު، ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކޮށް ކަށަވަރުކުރުކުރެވިގެންދާނެކަމަށެވެ. އަދި އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ އެންމެނަށްވެސް ޚިދުމަތް ދެވިގެންދާނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.