ފީފާ ކުލަބު ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ރޭ ބްރެޒިލްގެ ފްލެމިންގޯއާ ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ޖަރުމަނުގެ ބަޔާން މިއުނިކުން ހޯދައިފިއެވެ.
މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ފްލެމިންގޯ ނިކުތްއިރު އެ ޓީމު އެންމެ ފަހުން ކުޅުނު 11 މެޗުން ބަލިވެފައެއް ނުވެއެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ހަވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ކޯނަރެއް ޖޯޝުއާ ކިމިޗް ނެގިއިރު އެ ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ފްލެމިންގޯގެ މިޑްފީލްޑަރ އެރިކް ޕުލްގާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ބަޔާން މިއުނިކް އިން ވަނީ މެޗުގެ 9 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހެރީ ކޭން އެވެ.
މި ލަނޑާއެކު ބަޔާން މިއުނިކް އިން މެޗުގެ ކޮންޓްރޯލް ހޯދާ ފްލެމިންގޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ވަނީ ފޮނުވާލަފަ އެވެ. ނަމަވެސް ފްލެމިންގޯ އިން ވަނީ ލިބޭ މަދު ފުރުސަތުތަކުގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށްފަ އެވެ.
އެގޮތުން މެޗުގެ 33 ވަނަ މިނިޓުގައި ފްލެމިންގޯގެ ގާރސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ގެނެސްދީފަ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ލިއޮން ގޮރެޓްޒްކާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަ ވަނަ މިނިޓުގައި ފްލެމިންގޯ އިން ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. މި ލަނޑަކީ އޭރިޔާ ތެރެއިން ބަޔާން މިއުނިކްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖޯޖީނިއޯ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ހަތަރު ވަނަ ލަނޑަކީ މެޗުގެ 73 ވަނަ މިނިޓުގައި ހެރީ ކޭން ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 41 ވަނަ ލަނޑެވެ.