ޚަބަރު

"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އައްޑޫ ސިޓީގައި ފަށައިފި


  • ޙާލު ކިހިނެއް؟ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ފަށައި، ހިތަދޫގެ ގެތަކަށް ވަނީ ޒިޔާރަތްކޮށްފައި

  • މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވޭ

ރައްޔިތުންގެ ގާތަށް ގޮސް ޙާލަތު ދެނެގަތުމަށް ސަރުކާރުން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި އައްޑޫ ސިޓީގައި ފަށައިފިއެވެެ. “ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި ފަށާފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ. އެގޮތުން އައްޑޫ ސިޓީގައި "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ. އައްޑޫ ސިޓީއަކީ މާލެ ފިޔަފައި އެއް ސަރަޙައްދެއްގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަޙައްދެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އައްޑޫގައި ދިރިއުޅޭ ދިވެހިންގެ އާބާދީ 20،000އިން މައްޗަށް އަރައެވެ.

އައްޑޫގައި "ހާލު ކިހިނެއް" ޕްރޮގްރާމް ފެށުމުގެ ގޮތުން، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޓީމުން ވަނީ އައްޑޫ ސިޓީގެ ކައުންސިލާ ބައްދަލުކޮށް، އެ މަސައްކަތް ކުރިއަށްގެންދާނެގޮތާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަލް ލަހުފާއާއި އަދި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމު އައްޑޫގައި ކުރިއަށް ގެންދިއުމުގައި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލުން ވަނީ ދެއްވާފައެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ޙާލު ކިހިނެއް؟ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ފަށައި، ހިތަދޫގެ ގެތަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

މިގޮތުން މިހާތަނަށް މާލޭ ސިޓީގެ އިތުރުން، ހއ، ހދ، ނ، ރ، ބ، ޅ، ކ، ފ، ދ، ތ، ލ، ގއ، ގދ އަތޮޅުގެ ރަށްތަކުގެ އިތުރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ގެތަކަށް ޒިޔާރަތްކޮށްވަނީ ހާލު ބަލާ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ކުރައްވާފައެވެ.

މުޖުތަމަޢުގައި ތިބި ނާޒުކު ހާލުގައި ތިބި ފަރާތްތަކަށް މުވައްސަސާތަކުގެ ތެރެއިން ލިބެން ޖެހޭ އެހީތެރިކަން ލިބުމުގައި ހުރި ހުރަސްތައް ދެނެގަނެވި، އެފަރާތްތަކަށް ބޭނުންވާ ވަޞީލަތްތަކާއި، މާލީ އެހީތެރިކަމާއި ކުރިމަތިވަމުންދާ ދަތި ހާލަތު ގެނެގަނެވި މުވައްސަސާތަކުގެ އެހީތެރިކަމާއެކު އެކަންކަން ހަމަޖައްސައިދިނުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. މިއީ ރަނގަޅު ޕްރޮގްރާމެއްގެ ގޮތުގައި ކަމާބެހޭ ފަރާތްތަކާއި އަދި ޢާއްމުންވެސް ފާހަގަކުރެއެވެ.