ޚަބަރު

"އޮޅުހިޔާ"ގެ ޝެލްޓަރ ބައި ހިންގަން ދެ ފަރާތަކުން ކުރިމަތިލައިފި


  • ދެ އެންޖީއޯއަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި

  • މިހާރު ކުރިއަށް ދަނީ ބިޑް އިވެލުއޭޓްކުރުމުގެ މަސައްކަތް

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" ގެ ޝެލްޓަރބައި ހިންގަން ދެ ފަރާތަކުން ކުރިމަތިލައިފިއެވެ.

"އޮޅުހިޔާ"އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މި ސަރުކާރުން ގާއިމްކޮށްފައިވާ ތަނެކެވެ. 5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ އޮޅުހިޔާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ތަރައްޤީކުރީ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާކަމަށް ވިދާޅުވެ، އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އަނގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުވަނީ އޮޅުހިޔާ ވުޒާރާއާ ހަވާލުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން އޮޅުހިޔާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ހަވާލުކުރި އިރު ގިނަ ޙިދުމަތްތައް ވަނީ ގާއިމްނުވެއެވެ. އެހެންވުމުގެ ސަބަބުން އޮޅުހިޔާއިން ދޭން ޖެހޭ ގިނަ ޙިދުމަތްތަކެއް ވަނީ ހުއްޓިފައެވެ. ދިރޭތަކެއްޗާއި ބޭހެ ވުޒާރާއިން މަސައްކަތްކުރަމުންދަނީ އޮޅުހިޔާގެ އެންމެހާ ޙިދުމަތްތަކެއް ޤާއިމްކޮށް ފެސިލިޓީ ހުންގުމަށެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި ގުޅިގެން އޮޅުހިޔާގެ ޝެލްޓަރބައި ހިންގުމަށް އެވުޒާރާއިން ކުރި އިއުލާންގެ މުއްދަތު މިމަހުގެ 12 އަށް ވަނީ ހަމަވެފައެވެ.

ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝެލްޓަރ ބައި ހިނގުމަށް ކުރި އިއުލާނުގައި ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް އެކަމަށް އެދި ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށެވެ. އެއީ ދެ އެންޖީއޯއަކު ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އަދި މިހާރު ކުރިއަށް ދަނީ ބިޑް އިވެލުއޭޓްކުރުމުގެ މަސައްކަތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އޮޅު ހިޔާގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދަން ވެސް އިއުލާނުކޮށްފައިވާ ކަމަށެވެ. އެކަމަށް މުވައްޒަފުން ނަގާނީ ހިންގާނެ ބަޔަކު ކަނޑައެޅުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އޮޅުހިޔާގައި ބުޅާ ބެލެހެއްޓުމަށް ހިނގާނެ ޚަރަދުތަކުގެ ތަފްސީލް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ކޮންމެ ބުޅަކަށް އަހަރަކު 5416 ރުފިޔާ ޚަރަދުވާނެ ވަޒީރު ވަނީ ވިދާޅުވެފައެވެ.