ޚަބަރު

އީރާންގެ ދިފާޢު ފޫއަޅުވައިލުމަށް ޔަހޫދީ ޖާސޫސުން ޑްރޯން އެތެރެކުރީ އަޒަރްބައިޖާނުން


އީރާންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުން ޝަހީދުކޮށްލުމަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ ގިނަ އަދަދެއްގެ ޑްރޯނާއި އެހެނިހެން ހަތިޔާރު އެ ޤައުމަށް އެތެރެކޮށްފައި ވަނީ އަޒަރްބައިޖާން މަގުން ކަން ހާމަވެއްޖެއެވެ. ޖާސޫސީ ރިޕޯޓުތަކާ ޙަވާލާދީ މި ކަން ހާމަކޮށްފައި ވަނީ އީރާންގެ ޚާރިޖީ ދާއިރާގެ އިސް އޮފިޝަލެކެވެ.

އީރާނުން އަރްމީނިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަހްދީ ސުބްޙާނީ ވިދާޅުވީ، ޖޫން 13ވަނަ ދުވަހު ޔަހޫދީންގެ ޙަމަލާތައް ފެށުމުގެ މަސްތަކެއް ކުރިން އަޒަރްބައިޖާން މަގުން ޔަހޫދީން އީރާނަށް ޑްރޯން ފަދަ ހަތިޔާރު އެތެރެކުރަން ފަށާފައިވާ ކަން ޖާސޫސީ ރިޕޯޓުތަކުން ހާމަވާ ކަމުގައެވެ. “[އީރާންގެ] އަވައްޓެރި ޤައުމުތައް މެދުވެރިކޮށް އީރާނަށް ކުދި ޑްރޯންތަކެއްް އެތެރެކޮށްފައިވާ ކަމުގެ ޖާސޫސީ މަޢުލޫމާތު ވަނީ ލިބިފައި،” އޭނާ ވިދާޅުވިއެވެ.

އެ ކަމުގެ ފުރިހަމަ ތަޙުޤީޤެއް ހަދައިދިނުމަށް އީރާންގެ ރައީސް މަޞްޢޫދު ޕީޒިޝްކިޔާން އަޒަރްބައިޖާންގެ ރައީސްގެ އަރިހުން އެދިވަޑައިގަންނަވާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. “އަޅުގަނޑުމެން މި ތިބީ އެ ތަޙުޤީޤުން ހާމަވާ ކަމެއްގެ އިންތިޒާރުގައި. އެ ކަމާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އެއަށް ފަހު،” ސުބްޙާނީ ވިދާޅުވިއެވެ.

އަޒަރްބައިޖާން މަގުން އީރާނަށް ޑްރޯންތަކެއް އެތެރެކޮށްފައިވާ ކަމަށް އީރާނުން ކޮށްފައިވާ ތުހުމަތު އެ ޤައުމުން ދޮގުކުރެއެވެ. އަދި، އީރާނާ ދެކޮޅަށް ޙަމަލާއެއް ދިނުމަށް އެ ޤައުމުގެ ސަރަޙައްދު ބޭނުން ކުރުމުގެ ފުރުސަތު ޔަހޫދީންނަށް ނުދޭނެ ކަމުގެ ޔަގީންކަން އަޒަރްބައިޖާނުގެ ސަރުކާރުން އަރުވާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

އީރާންގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި، ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތައް އެތެރެވެފައި ވަނީ ޢިރާޤުގެ އުތުރާއި ކެސްޕިޔަން ކަނޑުގެ ސަރަޙައްދުންނެވެ. ޔަހޫދީންގެ އުޅަނދުތަކުން ޢިރާޤުގެ ވައިގެ ސަރަޙައްދަށް އެތެރެވެފައި ވަނީ އެ ޤައުމުގެ ސަރުކާރުގެ ހުއްދައާ ނުލައެވެ. ޢިރާޤު ސަރުކާރުން ވަނީ އެ ކަން ކުށްވެރިކޮށްފައެވެ.