ހުޅުމާލޭގައި ފުޓްބޯޅަ ސްކޫލް އަޅަން ސަރުކާރުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދީފައިވާ ބިން ނުއަގުގައި ކުއްޔަށްދީފައިވާ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ.
މީރުމާގައި ހުކުރު ދުވަހު ބޭއްވި އެފްއޭއެމުގެ ކޮންގްރެސްގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އާއި އޭޝިއަން ފުޓްބޯޅަ ޖަމިއްޔާ (އޭއެފްސީ)ގެ މެމްބަރުންގެ ކުރިފުޅުމަތީގައި އަހަރީ ރިޕޯޓް ހުށަހަޅުއްވަމުން ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަހުމަދު މުއިއްޒު ވަނީ ވަރަށް ތަފްސީލުކޮށް މި ވާހަކަ ވިދާޅުވެ ދެއްވާފަ އެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފުޓްބޯޅަ ސްކޫލް އަޅަން އެފްއޭއެމަށް ދިން ބިމުން 28000 އަކަ ފޫޓަށް ކުލި ދައްކަން ޖެހޭ ކަމަށެވެ. މި ގޮތުން އެފްއެއެމުން ދައްކަން ޖެހިފައި އޮތީ އަކަ ފޫޓަކަށް 10 ރުފިޔާ ކަމަށެވެ. ނަމަވެސް އެ ބިމުން ގާތްގަނޑަކަށް 58000 އަކަ ފޫޓު އެފްއޭއެމުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. މި ގޮތުން ކުއްޔަށް ދޫކޮށްފައިވަނީ އަކަ ފޫޓަކުން 3 ރުފިޔާ ނަގަން އެއްބަސްވެގެން ކަމަށެވެ.
ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް އަދާ ކުރެއްވި މުއިއްޒު ވިދާޅުވީ މިއީ ގައުމީ ފުޓްބޯޅަ އިދާރާ އަށް ވަރަށް ގެއްލުން ބޮޑުކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މި ގޮތަށް ކުއްޔަށް ދީގެން ބައެއް ފަރާތްތަކުން 40 އަހަރަށްވާ ކުލި އެއް ފަހަރާ އެފްއޭއެމުން ނަގާފައިވާ ކަމަށެވެ.
ނަމަވެސް މިއިން އެއްވެސް ކަމެއްގެ ލިޔެކިއުން އެފްއޭއެމުގައި މިހާރު ފެންނަން ނެތް ކަމަށެވެ. ނަމަވެސް މިކަން އެނގުނީ ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކާއެކު ދެކެވުނު ވާހަކަ ތަކުންނާއި އެ ފަރާތްތަކުން އެފްއޭއެމަށް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި ސިވިލް ކޯޓަށް ފޮނުވާފައިވާ ލިޔެކިއުންތަކުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ މިއީ ސައްހަ މުއާމަލާތެއް ކަމަށް ވާނަމަ އެ ބިންތައް އެ ފަރާތްތަކުން އަތުލުމަށް ގިނަ ގުނަ މަސައްކަތްތަކެއް އެފްއޭއެމުގެ އާ މެނޭޖްމަންޓުން ކުރަންޖެހޭނެ ކަމަށެވެ. އަދި މިއީ ބަދަލު ދޭން ޖެހިއްޖެނަމަ މާލީ ގޮތުން ވަރަށް ބޮޑު ގެއްލުންތަކަކާ ކުރިމަތިވާނެ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ފުޓްބޯޅަ ސްކޫލުގެ ބިން އެފްއޭއެމުން އަތުން އެޗްޑީސީން އަތުލުން، އެކަން ކުރަންވާނީ އެފްއޭއެމުގެ އިންތިހާބު ބާއްވައިގެން އަލަށް ހޮވޭ މެނޭޖްމަންޓާ ވާހަކަ ދައްކައިގެން ކަމަށް އެޗްޑީސީގައި ބުނެފައިވާނެ ކަމަށެވެ.
މި ބިންތައް ކުއްޔަށް ދޫކޮށްލި ދުވަސް ވަރު އެފްއޭއެމުގެ ރައީސް ކަމުގައި ހުންނެވީ ބައްސާމް އަދީލް ޖަލީލެވެ. ފީފާއިން ހުސްވި އަހަރުގެ އޮގަސްޓް މަހު އެފްއޭއެމް ނޯމަލައިޒް ކުރީ ބައްސާމް އަދީލް ޖަލީލް ހިޔާނާތާއި ކޮރަޕްޝަން އަދި އިދާރީ އެތައް މައްސަލަތަކެއްގައި 9 މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހު އެވެ. އޭގެ ފަހުން އަންނަ މަހު ބާއްވާ އެފްއޭއެމުގެ އިންތިހާބުގައި ވެސް އޭނާ އަށް ވާދަ ނުކުރެވޭ ގޮތަށް ފީފާއިން ވަނީ ހަމަޖައްސާފަ އެވެ. ބައްސާމާ ގުޅޭ އެތައް މައްސަލަ އެއް ސިވިލް ކޯޓުން ވެސް ދަނީ ބަލަމުންނެވެ.