ޚަބަރު

މާލީ ދާއިރާގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ސްޕެއިނަށް


  • މި ބައްދަލުވުން ކުރިއަށްދާނީ ޖޫން 30 އިން ޖުލައި 3 އަށް

  • ކޮންފަރެންސް ހަވާސާގައި ބާއްވާ ގިނަ ބައްދަލުވުންތަކުގައި ރާއްޖެ ބައިވެރިވާނެ

ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސްޕެއިނަށް ފުރާވަޑައިގެންފިއެވެ.

މި ކޮންފަރަންސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މިހިނގާ ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 އަށް ސްޕެއިންގެ ސެވިލްގައެވެ.

މި ކޮންފަރަންސްގެ އިފްތިތާޙީ ދަންފަޅީގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންފަރެންސްގެ ޕްލެނަރީ ބައްދަލުވުމުގައި އެމަނިކުފާނު ތަޤުރީރުކުރައްވާނެއެވެ. މީގެ އިތުރުން ކޮންފަރެންސްގެ ބައިވެރިންނާއެކު ކުރިއަށްގެންދާ ސެޝަންތަކުގައި ރައީސުޖްމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުންތަކުގައި މާލީ ދައިރާ އިސްލާހު ކުރުމުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރަންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާނެއެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން، ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުޞޫލުތަކަށް އަމަލުކުރުމުގެ މައްޗަށާއި، މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރުކުރުމުގައި އެހީވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ރާއްޖެއިން ގޮވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެފް.އެފް.ޑީ.4 އަކީ، މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް، ސަރުކާރުތަކާއި، ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުވައްސަސާތަކާއި، ވިޔަފާރިތަކާއި، މަދަނީ ޖަމާޢަތްތަކާއި، އދގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސައެކެވެ. މި ކޮންފަރެންސް ތިން ވަނަ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މީގެ 10 އަހަރު ކުރިން އިތިއޯޕިއާގެ އަޑިސް އަބަބާގައެވެ.