ޚަބަރު

ހައިހޫނުކަން ބޮޑުވެފައިވާ އުތުރު ޣައްޒާއަށް އެހީވެއްދުން ޔަހޫދީން ހުއްޓުވައިފި


ހައިހޫނުކަން ބޮޑުވެފައިވާ އުތުރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެެއްދުން ޔަހޫދީން ހުއްޓުވައިފިއެވެ. ޔަހޫދީން އެ ގޮތަށް ނިންމީ ޣައްޒާގައި އެހީގެ ސާމާނު އަރުވައިގެން ދިޔަ ލޮރީއެއްގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ތިބި ފޮޓޯތަކެއް ދައުރުވާން ފެށުމުން، އެއީ ޙަމާސްގެ ސިފައިން އެހީގެ ސާމާނު ވަގަށް ނަގާ މަންޒަރު ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ފޮޓޯޓަކުން ފެންނަނީ ޣައްޒާއަށް އެތެރެކުރާ އެހީގެ ސާމާނު ފޭރޭ މީހުންގެ ކިބައިން ސަލާމަތް ކުރާ މީހުން ކަމަށް ޣައްޒާގެ ވަންހަތަކުގެ އިސްވެރިން ވެސް ދަނީ ބުނަމުންނެވެ.

ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އުތުރު ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން މެދުކަނޑާލައި، އެހީގެ ސާމާނުގެ ފުރިހަމަ ބާރު ޔަހޫދީންނަށް ލިބޭނެ ރޭވުމެެއް ދެ ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަސްކަރިއްޔާއަށް އަންގައިފައެވެ.

2023ވަނަ އަހަރުގެ ތެރޭގައި ޣައްޒާ ޢުދުވާން ފެށުނު ފަހުން ޣައްޒާއަށް ވައްދާ އެހީގެ ސާމާނު ރައްކާތެރިކޮށްދިނުމުގައި އެކި ވަންހަތަކާއި މަދަނީ ޖަމުޢިއްޔާތަކާއި ފެކްޝަންތައް ޙަރަކާތްތެރިވެއެވެ. ޣައްޒާގެ ނުފޫޒުގަދަ ވަންހަތައް ތަމްޞީލު ކުރާ ހައި ކޮމިޝަން ފޮރ ޓްރައިބަލް އެފެއަާޒްއިން ބުނީ އެހީގެ ސާމާނު ހިފައިގެން އައި ލޮރީތައް ރައްކާތެރިކޮށްފައި ވަނީ ސީދާ ވަންހަތަކުން ކަމަށެވެ. ޔަހޫދީން ތުހުމަތު ކުރާ ގޮތަށް އެއްވެސް ސިޔާސީ ފެކްޝަނަކުން އެ ކަމުގައި ބައިވެރި ނުވާ ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.

ފަލަސްޠީނުގެ ސަރުކާރާ ގުޅުމެއް ނެތް ފަލަސްޠީނުގެ މަދަނީ ޖަމުޢިއްޔާއެއްގެ ޑިރެކްޓަރު ކަމަށްވާ އަމްޖަދު އަލް-ޝަވާ ވިދާޅުވީ ދަުރުތުވަމުންދިޔަ ފޮޓޯތަކުން ފެންނަ އެހީގެ ސާމާނު ބަހާފައި ވަނީ ނާޒުކު ޙާަލަތަށް ހުށަހެޅިފައިވާ ޢާއިލާތަކަށް ކަމަށެވެ.

ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ ކަންކަމަށް ބާރު ފޯރުވުމަށް ޔަހޫދީން ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާ ގުޅުންހުރި ޖަމާޢަތެއް ކަމަށްވާ ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފަށް އެ މަސައްކަތް ޙަވާލުކޮށްފައެވެ. އެ ޖަމާޢަތުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ ޙުއްދަ އޮތް ހަމައެކަނި ޖަމާޢަތަކީ ޖީއެޗްއެފް ކަމަށެވެ. އެހީގެ ސާމާނު ވެއްދުން ދެ ދުވަހުގެ މުއްދަތަށް މެދުކަނޑާލުމުގައި އެ ޖަމާޢަތް ކުރާ މަސައްކަތް އިސްތިސްނާވާ ކަމަށް އެ ޖަމާޢަތުގެ ތަރުޖަމާނަކު ވަނީ ބުނެފައެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 56،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ޔަހޫދީންގެ ޢުދުވާނީ ޙާމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ވަނީ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ތިން މަހެއްހާ ދުވަސްވަންދެން ޔަހޫދީން ހުރަސްއެޅުމަށް ފަހު މިހާރު އެ ސަހަރަށް އެތެރެ ކުރެވެނީ އެހީގެ ސާމާނުގެ މަދު މިންވަރެކެވެ. ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ.

ޣައްޒާއަށް އެތެރެކުރާ އެހީގެ ސާމާނު އުފުލާ ލޮރީތަކާއި އެ ސާމާނު ރައްކާކުރާ ގުދަންތަކުން ވަރަށް ގިނައިން ލޫޓުވައެވެ. ބަނޑަށް ޖެހި ގޮތް ހުސްވެފައިވާ ޣައްޒާގެ ރައްޔިތުން ލޫޓު ވަނީ ދިރިހުރުމަށްޓަކައެވެ. ހައި ކޮމިޝަން ފޮރ ޓްރައިބަލް އެފެއާޒްގެ މަންދޫބެއް ކަމަށްވާ ޢަބޫ ސަލްމާން އަލް މުޣާނީ ވިދާޅުވީ ހުރިހާ ވަންހަތަކުން އެއްވެ އެހީގެ ސާމާނުން ވައްކަން ކުރިއަ ނުދިނުމަށް ޖޫން މަހުގެ 25ވަނަ ދުވަހު މަސައްކަތްކޮށްފައިވާ ކަމަށެެވެ. އެ މަންޒަރުގެ ފޮޓޯ މީސް މީޑިޔާގައި ޙިއްޞާކޮށްފައި ވަނީ ޔަހޫދީންގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓެވެ. އެ ފޮޓޯތައް ބަހަނާއަކަށް ދައްކައި ޔަހޫދީން މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ ޣައްޒާގެ ޙާލަތު އިތުރަށް ގޯސްކުރުމަށެވެ.

ޖޫން މަހުގެ 25ވަނަ ދުވަހުން ފެށިގެން މި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވަނީ ފަލަސްޠީނުގެ 118 ރައްޔިތުން ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި އެހީގެ ސާމާނު ބަހާ މަރުކަޒުތައް ކައިރިން ޝަހީދުކޮށްލާފައިވާ ގިނަ ޢަދަދެއްގެ މީހުން ވެސް ހިމެނެއެވެ. މެއި މަހުގެ 26ވަނަ ދުވަހު ޖީއެޗްއެފުން ޣައްޒާގައި ޙަރަކާތްތެރިވާން ފެށި ފަހުން އެހީގެ ސާމާނު ބަހާ މަރުކަޒުތައް ކައިރިން މިހާތަނަށް 410އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފައެވެ.

ޖީއެޗްއެފުން އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރަނީ އެމެރިކާގެ އަސްކަރިއްޔާއާއި އަމިއްލަ ސަލާމަތީ ކުންފުންޏަކާ ގުޅިގެންނެވެ. ޖީއެޗްއެފުން އެހީގެ ސާމާނު ބަހާ ނިޒާމާމެދު ހިތްހަމަ ނުޖެހި އދން ވެސް ވަނީ އެ ޖަމްޢިއްޔާ މެދިވެރިކޮށް އެހީގެ ސާމާނު ބެހުމަށް ދެކޮޅު ހަދާފައެވެ. ޖީއެޗްއެފަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ކަމަށް އދން ޤަބޫލެއް ނުކުރެއެވެ. އދން ވަނީ ޖީއެޗްްއެފުން އެހީގެ ސާމާނު ބަހާ ނިޒާމަކީ އެހީގެ ސާމާނު ހަނގުރާމައިގެ ހަތިޔާރަށް ހަދައި، ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވާ ނިޒާމެއް ކަމަށް ތުހުމަތު ކޮށްފައެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ, އުންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރިނީ ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް މިހާރު ބޭނުންކުރާ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެހީގެ ސާމާނު ބަހާ މަރުކަޒުތައް ކައިރިން ގިނަ ޢަދަދެއްގެ މީހުން ޝަހީދު ކުރަމުންދާތީ ބައިނަލްއަޤްވާމީ އެކި އިދާރާތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ.

ޖޫން މަހުގެ 26ވަނަ ދުވަހު އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ޖީއެޗްއެފަށް 30 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ފާސް ކޮށްފައެވެ. އެމެރިކާއިން ވަނީ އެހެން ޤައުމުތަކުން ވެސް ޖީއެޗްއެފަށް ފައިސާ ދިނުމަށް ގޮވާލައިފައެވެ. އެމެރިކާއިން ޖީއެޗްއެފަށް ފައިސާ ދެނީ އެ ޤައުމުގެ ރަައީސް ޑޮނަލްޑް ޓްރަމްޕްއާއި ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމަށް ކުރައްވަމުންދާ މަސައްކަތަށް އެހީތެރިވުމަށްޓަކައި ކަމަށް ޚާރިޖީ ވުޒާރާގެ ތަރުަޖަމާނުގެ ނައިބު، ޓޮމީ ޕިގޮޓް ވަނީ ވިދާޅުވެފައެވެ.

ޖީއެޗްްއެފަކީ އެމެރިކާއާ ގުޅުންހުރި ކުންފުންޏެއް ކަމަށް ފެށުނީއްސުރެ އެނގިފައި އޮތް ނަމަވެސް، މިއީ އެމެރިކާގެ ސަރުކާރުން އެ ޖަމާޢަތަށް މާލީ އެހީތެރިކަން ފާޅުގައި ދީފައިވާ ފުރަތަމަ ފަހަރެވެ. އެނގިފައިވާ ގޮތުގައި އެމެރިކާއިން ޖީއެޗްއެފަށް ޔޫއެސްއެއިޑްގެ ދަށުން މާލީ އެހީތެރިކަން ދީފައި މި ވަނީ އެ ފަދަ އެހީއެއް އެއްވެސް ޖަމާޢަތަކަށް އަލަށް ދިނުމަށް ބޭނުންވާ އޯޑިޓެއް ފުރިހަމަ ކުރުމަށް އޮންނަ މާއްދާއިން އެ ޖަމާޢަތް އިސްތިސްނާ ކުރުމަށް ފަހުގައެވެ. ޖީއެޗްއެފުން އެ ޖަމާޢަތުގެ މާލީ ހިސާބުތައް އާންމު ކޮށްފައެއް ނުވެއެވެ.

ބައެއް މަސްދަރުތަކުން ބުނީ ޖީއެޗްއެފަށް ކޮންމެ މަހަކު 30 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީ ދިނުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ކަމަށެވެ.