ޚަބަރު

ޤައުމީ ތަރައްގީއަށް ގުޅިގެން ކުރިއަށްގެންދެވޭނެ ކަންކަމާ ގުޅޭގޮތުން އޭއައިއައިބީއާއެކު މަޝްވަރާ ކުރައްވައިފި


  • ރާއްޖޭގެ އުމްރާނީ ތަރައްގީގައި އޭއައިއައިބީގެ ހިއްސާ ވަޒީރު ފާހަގަކުރެއްވި

ޤައުމީ ތަރައްގީއަށް ގުޅިގެން ކުރިއަށްގެންދެވޭނެ ކަންކަމާ ގުޅޭގޮތުން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭއައިއައިބީއާއެކު މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު މަޝްވަރާ ކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރައްވާފައިވަނީ މާލީ ވަޒީރު މިހާރު ޗައިނާއަށް ކުރަައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އޭއައިއައިބީގެ ރައީސް ޖިން ލިކުންއާ ބައްދަލުކުރައްވައެވެ.

މިބައްދަލުކުރެއްވުމުގައި މާލީ ވަޒީރު ވަނީ ރާއްޖެ އޮތް ހާލަތުން އަރައިގަތުމުގައްޔާއި އުމްރާނީ ތަރައްގީގައި އޭއައިއައިބީގެ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އެގޮތުން، އެ ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ވޭސްޓް ޓު އެނަރޖީ" ނުވަތަ ކުނިން ހަކަތަ އުފަައްދާ މަޝްރޫޢު ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޤައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އޭއައިއައިބީގެ 10ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ޗައިނާ ޑިވެލޮޕްމަންޓް ބޭންކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.