ޔަހޫދީންނާއި އީރާނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ ކުރިން އީރާނުން ޔަހޫދީ ދައުލަތަށް ދޭން މަސައްކަތް ކުރި ޑްރޯން ޙަމަލާތަކެއް ފަރަންސޭސިވިލާތުން ހުއްޓުވި ކަމަށް އެ ޤައުމުން ބުނެފިއެވެ.
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ މުހިންމު ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާދީފައިވެއެވެ. އެ އަދި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިންނާއި ގިނަ ޢަދަދެއްގެ އާންމުން ޝަހީދު ކޮށްލާފައިވެއެވެ. އެ ޙަމަލާގެ ރައްދެއްގެ ގޮތުން އީރާނުން ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށައި ޔަހޫދީ ދައުލަތަށް ވަރުގަދަ ޙަމަލާތައް ދީ ގެއްލުން ދީފައެވެ. ދެ ފަރާތުން ބަދަލުކުރި ޙަމަލާތަކުގައި އީރާނުގެ 610 މީހުން ޝަހީދުވެ، 5،000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އަދި ޔަހޫދީންގެ 28 މީހުން މަރުވެ، އިމާރާތަކާއި އަސްކަރީ މަރުކަޒުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ނަމަވެސް ޖޫން މަހުގެ 24ވަނަ ދުވަހު ދެ ފަރާތުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ.
ފަރަންސޭސިވިލާތުގެ ދިފާޢީ ވަޒީރު، ސެބަސްޓިއަން ލުކޮޚްނު ވިދާޅުވީ 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އީރާނުން ޔަހޫދީ ދައުލަތަށް އަމާޒު ކޮށް 400އެއްހާ ބެލިސްޓިކް މިސައިލާއި 1،000އަށްވުރެ ގިނަ ޑްރޯން ޙަމަލާ ދީފައިވާ ކަމަށެވެ. ފާއިތުވި ދުވަސްތަކުގައި އީރާނުން ޔަހޫދީންނަށް ދިން ޙަމަލާތަކުގެ ތެރެއިން 10ވަރަކަށް ޑްރޯން ޙަމަލާ ފަރަންސޭސިވިލާތުން ހުއްޓުވި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޙަމަލާތައް ފަރަންސޭސިވިލާތުގެ އަސްކަރިއްޔާއިން ހުއްޓުވާފައި ވަނީ އަސްކަރިއްޔާގެ ގްރައުންޑް-ޓު-އެއަރ ނިޒާމުތަކާއި ރަފަލް މަރުކާގެ އަސްކަރީ ޖެޓުތައް ބޭނުން ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.