ޚަބަރު

ހުޅަނގު އައްސޭރީގެ އަވަށަކަށް ހައްދުފަހަނަ އެޅި ޔަހޫދީން ވަދެ ގެދޮރާއި މުދަލުގައި ހުޅުޖަހައިފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އަވަށަކަށް ޔަހޫދީ ޢާންމުންގެ ހައްދުފަހަނަ އެޅި ބައިގަނޑަކުން ވަދެ، މުސްލިމުންގެ ގެދޮރާއި މުދަލުގައި ހުޅުޖަހައި، ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ޔަހޫދީން ވަދެފައި ވަނީ ރާމަاللهގެ އިރުއުތުރުގައި އޮތް ކަފްރު މާލިކަށެވެ. އެ އަވަށަށް ވަދެގަތް ޔަހޫދީ ޢާންމުން ހުއްޓުވަން މަސައްކަތް ކުރި ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ސިފައިން ވަނީ ޙަމަލާދީ، ތިން މީހަކު ޝަހީދު ކޮށްލާފައެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ކަފްރު މާލިކަށް އަރަގަތް ޔަހޫދީން ހުއްޓުވުމަށް މަސައްކަތް ކުރަމުން ދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އިތުރު ހަތް މީހަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުން އެ އަވަށަށް އަރައިގަނެފައި ވަނީ، އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންގެ ގެދޮރާއި މުދަލުގައި ހުޅުޖަހައި، ގެއްލުން ދެމުން ދިޔަ ޔަހޫދީ ޢާންމުންނަށް ޙިމާޔަތް ދިނުމުގެ ގޮތުންނެވެ.

ޔަހޫދީ ޢާންމުންނާއި ކަފްރު މާލިކްގެ ރައްޔިތުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން ޔަހޫދީންގެ ފަސް މީހަކު ހައްޔަރު ކޮށްފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. ޔަހޫދީ ސިފައިންނާއި ފަލަސްޠީނުގެ ޢާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ޔަހޫދީ ސިފައިންގެ މީހަކު ޒަޚަމުވިއެވެ. ކަފްރު މާލިކުގައި ނަގާފައިވާ ވީޑިޔޯތަކުން ފެންނަނީ، އެ ރަށުގެ ރައްޔިތުންގެ އެއްގަމު އުޅަނދުތަކުގައި ރޯކޮށްލައި، ބޮޑެތި ގެއްލުންތަކެއް ދީފައިވާ މަންޒަރުތަކެވެ.

ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީން ވަނީ ޔަހޫދީ ޢާންމުންނާއި ޔަހޫދީ ފައުޖުގެ ޖަރީމާތައް ކުށްވެރި ކޮށްފައެވެ. "އިސްރާއީލުގެ ސަރުކާރުގެ އަމަލުތަކާއި ނިންމުންތައް ހުރީ މި ސަރަހައްދު ފަޅައިގެންދާނެ [ސުލްޙަ މަސަލަސްކަން ގެއްލޭނެ] ގޮތަށް،" ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ނައިބު ޙުސައިން އަލް-ޝައިޚް ވިދާޅުވިއެވެ. ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިދިނުމަށް ވެސް އޭނާ ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ.

ހުޅަނގު އައްސޭރީގެ ޖިނީންގެ ހުޅަނގުން އޮތް އަލް-ޔާމޫނަށް ވެސް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އަރައި ޖަރީމާތަކެއް ހިންގާފައިވެއެވެ. ޖޫން 25ވަނަ ދުވަހު އެ އަވަށަށް އަރައި ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކުގައި ކުޑަ ފިރިހެން ކުއްޖަކު ޝަހީދު ކޮށްލާފައިވާ ކަމުގައި ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ހާމަކުރިއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ހިންގަން ފެށި ފަހުން ހުޅަނގު އައްސޭރީގެ ރަށްތަކަށް ރޭޑުގައި، ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާތައް ވެސް ވަނީ އިތުރު ކޮށްފައެވެ.