ޚަބަރު

އެމްބާޕޭ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި


ރެއާލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭ އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އެމްބާޕޭގެ ރެއާލް މެޑްރިޑް އިން ދެ މެޗު ކުޅެފައިވާއިރު އެމްބާޕޭ އެއްވެސް މެޗެއްގައި ކުޅެފައެއް ނުވެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން އޭނާ ބޭރަށް ހިންގާ ހޮޑުލެވުމުގެ ސަބަބުން ވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދީފަ އެވެ.

މެކްސިކޯގެ ޕަޗޫކާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައިވެސް އެމްބާޕޭ ބައިވެރިވެފައިނުވާއިރު ގްރޫޕްގެ ފަހު މެޗުގައި އޮސްޓްރިއާގެ ރެޑްބުލް ސަލްސްބަރގް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުގައި އެމްބާޕޭ ކުޅޭނެކަމަށް ވަނީ ބެލެވިފަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުން 3-1ގެ ނަތީޖާ އަކުން ރެއާލް މެޑްރިޑް މޮޅުވެފައިވާއިރު ދެވަނަ މެޗުގައި އަލް ހިލާލާ އާއި ދެކޮޅަށް ކުޅުނު މެޗު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ.

ގްރޫޕް އެޗްގެ ފަހު މެޗަށް ރެއާލް މެޑްރިޑް ނިކުންނައިރު މިވަގުތު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އޮތް ރެއާލް މެޑްރިޑަށް 4 ޕޮއިންޓް ލިބިފައިވާއިރު ސަލްސްބަރގް އަށް ވެސްވަނީ 4 ޕޮއިންޓް ލިބިފަ އެވެ. ރެއާލް މެޑްރިޑަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ފްރާންސްގެ ޕީއެސްޖީ އިން ރެއާލް މެޑްރިޑް އާއި ގުޅުނު އެމްބާޕޭ ވަނީ މިދިޔަ ސީޒަނުގައި އޭނާ ކުޅުނު 56 މެޗުގައި 43 ލަނޑު ޖަހާފަ އެވެ.

މި މުބާރާތަކީ ރެއާލް މެޑްރިޑްގެ ކޯޗު ކަމުން ކާލޯ އެންޗެލޮއްޓީ ވަކިވުމަށްފަހު އެ ޓީމުގެ ކޯޗު ކަމާއި އަލަށް ހަވާލުވި ޒަބީ އަލޮންސޯގެ ދަށުން އެ ޓީމު ކުޅޭ ފުރަތަމަ މުބާރާތެވެ.