ޚަބަރު

ސިވިލް ސަރވިސްގެ މުހިއްމު ދައުރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވުމުން އދއިން މަރުހަބާ ކިޔައިފި


  • ސިވިލް ސަރވިސްގެ މުވައްޒަފުން އަދާކުރަމުންދާ ދައުރަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައި

ހެޔޮ ވެރިކަމެއް ކުރުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުން އަދާކުރަމުންދާ މުހިއްމު ދައުރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ފާހަގަކުރެއްވުމުން އދއިން މަރުހަބާ ކިޔައިފިއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުން އަދާކުރަމުންދާ މުހިއްމު ދައުރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވުމުން އދއިން އެކަމަށް މަރުހަބާ ކިޔާފައިވަނީ އދ.އިން ފާހަގަކުރާ ޕަބްލިކް ސާވިސް ދުވާހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައެވެ.

އދ.ގެ ޕަބްލިކް ސަރވިސް ދުވާހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕަބްލިކް ސާވަންޓުންނަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއް ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. މީގެ އިތުރުން، ޤައުމުގެ ކުރިއެރުމާއި ހެވާއި ލާބައަށް ދައުލަތުގެ ޚިދުމަތްތެރިންނާއި މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަށާއި އެހީތެރިކަމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓާއި ގުޅިގެން އދއިން ހިއްސާކުރި ޕޯސްޓެެއްގައި ބުނީ ދިވެހިރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުން ހިތްވަރާއެކު ޤައުމަށް ކުރައްވަމުން ގެންދަވާ ޚިދުމަތް ފާހަގަކޮށް، ސިވިލް ސަރވިސްގެ މުވައްޒަފުން އަދާ ކުރަމުންދާ ދައުރަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވި ކުރެއްވުމަށް މަރުޙަބާ ކިޔާކަމަށެވެ.

އދ.ގެ ޕަބްލިކް ސާވިސް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ޕަބްލިކް ސާވަންޓުން ކުރައްވާ މަސައްކަތް ދެނެގަނެ، އެމީހުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރުމަށެވެ.

މީގެ އިތުރުން، ޤައުމީ ތަރައްޤީއަށް ދައުލަތުގެ ޚިދުމަތްތެރިންގެ ހިއްސާ ދެނެގަނެ، ޒުވާނުން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދެކެވެ.