ޚަބަރު

އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ ދަޢުރު ހަމަވާތީ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި


  • ހަމަވަނީ ނާއިބު ރައީސް މޫމިނާ އަދި މެންބަރު ޝިފާތުގެ ދަޢުރު

  • މިއީ 5 މެންބަރުންގެ ކޮމިޝަނެއް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2 މެންބަރެއްގެ ދަޢުރު ހަމަވާތީ، އެ ކޮމިޝަނަށް މެމްބަރުން ޢައްޔަނުކުރެއްވުމަށްޓަކައި ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

ދަޢުރު ހަމަވަނީ ކޮމިޝަންގެ ނާއިބު ރައީސް މޫމިނާ ވަޙީދު އަދި މެންބަރު އާމިނަތު ޝިފާތު އަބްދުލްރައްޒާގުގެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 9 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

މި މާޤާމަށް ކުރިމަތިލާ ފަރާތްތަކުން ފޯމާއެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލާ މީހާގެ އިޤްރާރު، ކުށާއި ދަރަނީގެ ރެކޯޑް އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވޭތޯ ބެލުމަށް އިލެކްޝަން ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ފުރިހަމަކުރުމަށްފަހު ހުށައަޅާންޖެހޭނެއެވެ.

އެޗްއާރުސީއެމް ހިމެނެނީ ޖުމްލަ 5 މެންބަރުންގެ މައްޗަށެވެ. އެކޮމިޝަންގައި މިވަގުތު ތިއްބެވީ އެކޮމިޝަނުގެ ރައީސް މަރިޔަމް މުނާއާއި، ނާއިބު ރައީސް މުއުމިނާ ވަޙީދާއި، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާގުއާއި ސަމާޢު އަޙްމަދު ނަޖީބުގެ އިތުރުން އިސްމާޢީލް ހަބީބެވެ.