ޚަބަރު

އަންހެނުންގެ ދައުރު އިތުރުކުރުމަށް ސިޔާސަތު ކަނޑައަޅާ ލެވެލްގައި މަސައްކަތް ކުރަންޖެހޭ


  • އޭޝިއާ ޕާލަމަންޓޭރިއަނުންގެ އާބާދީއާއި ތަރައްޤީއާބެހޭ ފޯރަމް ކުރިއަށްދަނީ 2 ދުވަހުގެ މުއްދަތަށް

  • އަންހެނުން ބާރުވެރިކުރުވާ ޒުވާނުން ކުރިމަގަށް ތައްޔާރުކުރުމަށް މަޝްވަރާކުރެވޭނެ

ރާއްޖޭގައި ގޮތް ނިންމާ މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން ކުޑަވުމަކީ ކަންބޮޑުވުމެއްކަމަށާއި، ސިޔާސަތު ކަނޑައަޅާ މީހުންގެ ހައިސިއްޔަތުން އެކަން ޙައްލުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސް މިހެން ވިދާޅުވީ އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީއާއި ތަރައްޤީއާ ބެހޭ ފޯރަމްގެ ޒުވާނުން ބިނާކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުމުގެ ޖަލްސާ އިފްތިތާޙްކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީއާއި ތަރައްޤީއާބެހޭ ފޯރަމްގެ ޒުވާނުން ބިނާކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޡިމްވަނީ ރާއްޖޭގެ އާބާދީއަށް ކުރިމަތިވެފައިވާ ހިރާސްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ކުރެވޭ މަސައްކަތްތަކާއެކުވެސް، ގޮތް ނިންމާ މަޤާމުތަކުގައި ތިބި އަންހެނުންގެ ނިސްބަތް ބޮޑުތަނުން މަދުކަން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން އަންހެނުން ތަމްސީލުކުރަނީ އެންމެ 3 ގޮނޑިކަން ފާހަގަކުރައްވައި އެއީ ކަންބޮޑުވުމެއްކަމަށް ވިދާޅުވިއެވެ. އަދި އެޙަގީގަތް ބަދަލުކުރުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ ޙައިސިއްޔަތުން މަސައްކަތް ކުރަންޖެހޭކަމަށް ނާޡިމް ވިދާޅުވިއެވެ.

"ކަސްޓަމްސް ފަދަ ތަންތަނަށް ބަލާއިރު ގިނައީ އަންހެނުން. އެހެންނަމަވެސް ގޮތް ނިންމާ މަޤާމުތައް ތަމްސީލުކުރާ މީހުންގެ ޢަދަދު ރާއްޖޭގައި ކަންބޮޑުވާ މިންވަރަކަށް މަދު." ނާޡިމް ވިދާޅުވިއެވެ.

އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީއާއި ތަރައްޤީއާބެހޭ ފޯރަމްގެ ޒުވާނުން ބިނާކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުމަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އަންހެނުން ބާރުވެރިކޮށް ޒުވާނުން ކުރިމަގަށް ތައްޔާރު ކުރުމާބެހޭ މައުޟޫއަށް ރާއްޖޭގައި ބާއްވާ ދެ ދުވަހުގެ ބައްދަލުވުމެކެވެ. ނާޡިމްވަނީ، އޭއެފްޕީޕީޑީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކަށް ރާއްޖޭގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އިންތިޚާބްވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި، އެކަމުން ސާބިތުކޮށްދެނީ މިދާއިރާއިން ރާއްޖޭގެ ޒަޢާމަތީ ދައުރު ބޮޑުކަންކަމަށް ވިދާޅުވިއެވެ.