ޚަބަރު

ކުޑަ އައްޔައާ ވާދަކޮށްގެން މޮޅުވުމަކީ ލިބުނު ބޮޑު އުފަލެއް: އާމިން


ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ގެ ޗެމްޕިއަންކަން ހޯދުމަށް މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށް މެންސް އޯޕަން ކެޓެގަރީގެ ޗެމްޕިއަންކަން ހޯދި އާމިން އުމަރު މޫސާ ބުނެފިއެވެ.

މި މަހުގެ 17 އިން 20 އަށް މާލޭ ވަރުނުލާ ރާޅުގަނޑުގައި ބޭއްވި މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރުމަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި އާމިން ބުނީ މިއީ އޭނާއަށް ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރު ކަމަށާއި، އެކަމަށް އިންތިޒާރުކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

އާމިން ބުނީ މެންސް އޯޕަން ކެޓެގަރީގެ ޗެމްޕިއަންކަން އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) އާ ވާދަކޮށްގެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އާމިންއަށް ކުޑަ އައްޔަ ކަހަލަ ތަޖުރިބާ ބޮޑު އެތުލީޓަކާއެކު ފައިނަލް ހީޓުގައި ވާދަކޮށްލަން ލިބުމަކީ އޭނާ ގަބޫލުކުރާ ގޮތުގައި މި މުބާރާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެކެވެ.

"ވަރަށް ބޮޑު އުފަލެއް ކުޑައައްޔަ އާއި ވާދަކޮށްގެން އެއްވަނަ ލިބުމަކީ. އާމިންގެ 100 ޕަސެންޓް ލައިގެން ޗެމްޕިއަންކަން މި ލިބުނީ." އާމިން ބުންޏެވެ.

އާމިން ބުނީ ލީގުގެ ފުރަތަމަ މުބާރާތަށް ނިކުތީ އޭނާގެ 100 އިންސައްތަ ދީގެން ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން އުއްމީދުކުރީ މި މުބާރާތުން މޮޅުވާން ކަމަށެވެ.

އާމިން މި މުބާރާތުގެ އޯޕަން ކެޓެގަރީ ކާމިޔާބުކުރީ ގައުމީ ދެ ޗެމްޕިއަނުން ބަލިކުރުމަށްފަހުއެވެ. އެގޮތުން އާމިން މި ކެޓެގަރީގެ އެއްވަނަ ހޯދީ 13.76 ގެ ސްކޯއަކުން ކުޑަ އައްޔަ ބަލިކުރުމަށްފަހުއެވެ. އަދި މެންސް އޯޕަން ކެޓެގަރީގެ ތިންވަނަ ހޯދީ ތަޖުރިބާކާރު ބޮޑީބޯޑަރު އަލީ ޖާވިދު (ޖާއްޓޭ) އާއި އަޙްމަދު ނަޒްމީންއެވެ.

އާމިން ބުނީ މި ކާމިޔާބީގައި އެންމެ ބޮޑަށް ޝުކުރު އަދާކުރާނީ މަންމަ އާއި އާމިން އެންމެ ފުރަތަމަ ރާޅާއަޅަން މޫދަށް ގެނެސްދިން ބޭބެއަށް ކަމަށެވެ.

"އެންމެ ބޮޑު ޝުކުރެއް މަންމައަށް. މަންމަ ވަރަށް އިތުބާރުކޮށްފައި، މަންމަ އެއްވެސް ޖެހިލުންވުމެއް ނުވެ އާމިންއަށް ފުލް ސަޕޯޓުދޭނެ." އާމިން ބުންޏެވެ.

އާމިން ބުނީ އުއްމީދަކީ މި އަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދުން ކަމަށާއި، ލީގުގެ ކުރިއަށް ހުރި މުބާރާތްތަކަށް ތައްޔާރުވާނީ އެ އަޒުމުގައި ކަމަށެވެ. ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ޓީމުގައިވެސް ހިމެނޭ އާމިން ވަނީ 2023 ވަނަ އަހަރު ބޮޑީބޮޑިން ޗެލެންޖުގެ ޖޫނިއަރ މެންސް ކެޓެގަރީގެ އެއްވަނަ ހޯދާފައެވެ.

ދެ ފަހަރު ޖޫނިއަރ ބައިގެ ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ އާމިން ވަނީ 2022 ވަނަ އަހަރު އައިބީސީ ވޯލްޑް ޓުއަރގައި ސްޕެއިންގެ އެތުލީޓަކާއި ވާދަކޮށް ދެވަނަ ހޯދާފައެވެ.