ޚަބަރު

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް ދަނީ ގާތުން ބަލަމުން: ވަޒީރު ޒަމީރު


  • ތެލުގެ ބާވަތްތަކާއި ކާބޯތަކެތީގެ އަގުތަކަށް އައިސްދާނެ ބަދަލުތައް ދަނީ އެނަލައިޒްކުރަމުން

  • އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބަލަމުންދޭ

މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް ގާތުން ބަލަމުންދާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޔަހޫދީންނާއި އީރާނާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކާއި ގުޅޭގޮތުން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް ދެނެގަތުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތަކާއި ކާބޯތަކެތީގެ އަގުތަކަށް އައިސްދާނެ ބަދަލުތައް ވަރަށް ގާތުން މޮނިޓަރކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަތުވެދާނޭ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާއެކު ކުރަމުން ދާކަމަށާއި، މިކަމުގެ ތަކުލީފް ދިވެހިންނަށް އުފުލަން ނުޖެހޭނެ ގޮތަކަށް ސަރުކާރުން ކަންކަން އިންތިޒާމް ކުރައްވަމުންގެންދަވާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށްކަމަށް ބުނެ ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށީ ޖޫން މަހުގެ 13ވަނަ ދުވަހުއެވެ. އެ ޙަމަލާތަކާ ގުޅިގެން އީރާނުންވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށައި، ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ދީފައެވެ.

އެއަށްފަހު ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން ވަނީ މައްސަލައިގެ ތެރެއަށްވަދެ، އީރާނުގެ މައި ތިން ނިއުކްލިޔަރ މަރުކަޒަކަށް ބޮން އަޅައިފައެވެ. އެ ޙަމަލާގެ ރައްދެއްގެ ގޮތުން އައު އަސްކަރީ ޙަރަކާތެއް ފަށައި، އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ޙަމަލާ ދީފައެވެ.

ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ރޭ ހަމަލާ ދިނުމުން މެދު އިރުމަތީގެ ގިނަ ޤައުމުތަކުގެ ވައިގެ ސަރަހައްދުތައް ވަނީ ބަނދުކޮށްފައިވައެވެ. ނަމަވެސް މިހާރު ޤަތަރުގެ ވައިގެ ސަރަހައްދު ހުޅުވާލާ ފްލައިޓްތަކުގެ ދަތުރުތައް ފަށާފައިވާއިރު، އެ ޤައުމުތަކުން ޓްރާންސިޓްކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މިހާރު އެއްވެސް އަސަރެއް ނުކުރާނެކަމަށް އިޤްތިޞާދީ މާހިރުން ބުނެއެވެ.

ޔަހޫދީންނާއި އީރާނާއި ދެމެދުގައި ކުރެވޭ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އަތުވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ. މިކަމާ ވިއްދައިގެން އީރާނުގެ ފޮރިން މިނިސްޓަރު ބުނެފައިވަނީ އީރާނުން އެއްވެސް ކަމަކަށް އެއްބަސްވެފައި ނުވާކަމަށެވެ. އަދި މި ހަމަލާތައް ހުއްޓާލާނީ، ޔަހޫދީން އެމީހުން ދެމުންދާ ހަމަލާތައް ހުއްޓާލުމުންކަމަށް އޭނާ ނެރެފައިވާ ބަޔާނުގައި ވެއެވެ.

ޓްރަމްޕް މިހެން ބުނިފަހުންވެސް އީރާނުން ވަނީ ޔަހޫދީންނަށް މިސައިލްގެ ހަމަލާއެއް މިގެ ކުޑައިރުކޮޅެއް ކުރިން ދީފައެވެ.